ރައްޔިތުންގެ މަޖިލީހުން އޭނާގެ އިތުބާރު އޮތްކަމަށް ނިންމެވި ނިންމެވުމުން ހާމަވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދުރުވިސްނޭ ޙިކްމަތްތެރި ސިޔާސަތުތަކަށް ރައްޔިތުންގެ މެދުގައި އޮތް އިތުބާރާއި ޔަޤީންކަން ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާ ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލަ 54 މެންބަރުންގެ ތާއީދާއެކު ބޭރުކޮށްލުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސަޢީދު ވިދާޅުވީ، އޭނާ ކުރައްވަނީ ރައީސް މުޢިއްޒު ހަވާލުކުރައްވާ މަސައްކަތްތައް ކަމަށާއި، އެމަނިކުފާނު ވަނީ ރާއްޖެ ބަނގުރޫޓުވިޔަނުދީ ސަލާމަތްކުރައްވައި، މާލީ އިތުބާރު އިޔާދަކޮށްދެއްވާފައި ކަމަށެވެ. އަދި ވާރުތަވި އިޤްތިޞާދީ އެތައް މައްސަލައަކަށް ހައްލު ހޯއްދަވައި، ރާއްޖޭގެ އިޤްތިޞާދު ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގެ ސަފަށް ގެންދިއުމުގެ ތަޞައްވުރުތަކުގައި އަމަލީސިފަ ޖައްސަވަން ފައްޓަވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން، އެމްޑީޕީން ކުރި ސުވާލުތަކުގެ ތެރޭގައި އޭނާގެ މެންޑޭޓާ ސީދާ ނުގުޅޭ ކަންކަން ހުރި ނަމަވެސް، އެ ހުރިހާ ސުވާލަކަށް ތެދުވެރިކަމާއެކު ޖަވާބުދާރީވެވަޑައިގެންފައިވާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މި ސަރުކާރަކީ ރައްޔިތުންނަށް ޖަވާބުދާރީވުމުގައި ލާމަސީލު މިސާލު ދައްކަމުންދާ، ދެފުށް ފެންނަ ސަރުކާރެއް ކަމަށާއި، ސަރުކާރުގެ ކާމިޔާބީއަކީ ރައީސް މުޢިއްޒުގެ ޤިޔާދަތުގައި ބަދަހި ޓީމެއްގެ ގޮތުގައި ކުރާ ހިންމަތްތެރި މަސައްކަތް ކަމަށް ސަޢީދު ވިދާޅުވިއެވެ.




