އިއާދަކުރަނވި ހަކަތައިގެ މަޝްރޫއުތަކަށް ބަޖެޓުން 513.5 މިލިއަން ރުފިޔާ

އީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ލަނޑުދަނޑިކަމަށްވާ، ރާއްޖޭގައި އުފައްދާ ކަރަންޓުގެ 33 އިންސައްތަ އިއާދަކުރަނަނވި ހަކަތައިން އުފެއްދުމުގެ އަމާޒަށް ވާސިލުވުމަށްޓަކައި، އަންނަ އަހަރުގެ ޕަބްލިކް ސެކްޓާ އިންވެސްޓުމެންޓު ޕްރޮގުރާމު (ޕީއެސްއައިޕީ) ބަޖެޓުން 513.5 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.

އަންނަ އަހަރަށް ލަފާކޮށް މާލީ ވުޒާރާއިން މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި، ހަކަތަ އުފެއްދުމާއި ބެހުމުގެ މަރުކަޒުތަކާއި ނިޒާމުތައް ތަރައްގީކުރުމަށް ޖުމްލަ 515.7 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. މިއީ މިއަހަރު އެ ދާއިރާއަށް ހަރަދުވާނެ ކަމަށް ލަފާކޮށްފައިވާ 365.3 މިލިއަން ރުފިޔާއާ އަޅާބަލާއިރު 41 އިންސައްތައިގެ އިތުރުވުމެކެވެ. މިގޮތުން ކަނޑައެޅިފައިވާ ފައިސާގެ 99.5 އިންސައްތަ ހަރަދުކުރުމަށް ހަމަޖެހިފައިވަނީ އިއާދަކުރަނަނވި ހަކަތައިން ކަރަންޓު އުފައްދާ ވަސީލަތްތައް ގާއިމުކުރުމަށެވެ.

ރާއްޖޭގައި އިއާދަކުރަނަނވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށް "މަގޭ ސޯލާ" ގެ ނަމުގައި ބޮޑު މަޝްރޫއެއް ސަރުކާރުން އަންނަނީ ހިންގަމުންނެވެ. މި މަޝްރޫއުގެ ފުރަތަމަ މަރުހަލާގެ ދަށުން އެކަމަށް އެދޭ ގޭބީސީތަކުގައި 1.5 މެގަވޮޓުގެ ސޯލާ ޕެނަލް އިންސްޓޯލު ކުރުމުގެ މަސައްކަތްދަނީ ކުރިއަށެވެ. މީގެ އިތުރުން، އަމިއްލަ އިންވެސްޓަރަކާއި ސަރުކާރު ގުޅިގެން އިއާދަކުރަނަނވި ހަކަތައިގެ އިތުރު ބޮޑު މަޝްރޫއެއް އަންނަ އަހަރު ހިންގުމަށް ހަމަޖެހިފައިވާކަން މާލީ ވަޒީރު ހަސަން ޒަރީރު ވަނީ ހާމަކުރައްވާފައެވެ.

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު އިއާދަކުރަނަނވި ހަކަތައިން އުފައްދަމުންދިޔައީ އެންމެ 53 މެގަވޮޓުގެ ކަރަންޓު ކަމުގައިވީ ނަމަވެސް، ވެރިކަމުގެ ފުރަތަމަ ދެ އަހަރު ތެރޭގައި އެ އަދަދު 110 މެގަވޮޓަށް ވަނީ އިތުރުކުރެވިފައެވެ. ދުބާއީގައި ބޭއްވި ކޮޕް ސަމިޓުގައި ރައީސް ވަނީ ރާއްޖޭގެ ކަރަންޓުގެ 33 އިންސައްތަ އިއާދަކުރަނަނވި ހަކަތައަށް ބަދަލުކުރައްވާނެ ކަމަށް އިއުލާނުކުރައްވާފައެވެ. މި ސިޔާސަތުގެ ސަބަބުން ތެޔޮ ގަތުމަށް ބޭރު ފައިސާއިން ކުރަންޖެހޭ ބޮޑު ހަރަދު ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށް މާހިރުން ފާހަގަކުރައްވައެވެ.

ރިއެކްޝަންސް

ކޮމެންޓް