ޖިންސީ ގޯނާގެ ތުހުމަތުގައި، އެމްޑީޕީއަށް ނިސްބަތްވާ މާފަންނު ދެކުނު ދާއިރާގެ ކުރީގެ ކައުންސިލަރު މުޙައްމަދު އައިމަން އިސްމާއީލް (އާނު) ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މިކަން ކަށަވަރުކޮށްދެއްވަމުން ދިވެހި ފުލުހުންގެ ޚިދުމަތުގެ މީޑިއާ އޮފިސަރު އެމްއެމްޓީވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އައިމަން ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
އެނގިފައިވާ ގޮތުގައި އައިމަން ހައްޔަރުކޮށްފައި ވަނީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ޖިންސީ ގޯނާގެ މައްސަލައަކާ ގުޅިގެންނެވެ.
އައިމަންއަކީ މީގެ ކުރިން އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވައިގެން މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރުކަމުގެ މަޤާމު ފުރުއްވާފައިވާ ފަރާތެކެވެ.




