ސިފައިންގެ ތަރައްޤީއަށް އެންމެ ބޮޑު ހޭދައެއް ކުރަމުން އަންނަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މި ރިޔާސީ ދައުރުގައި ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހިމް ޙިލްމީ ވިދާޅުވެއްޖެއެވެ.
ޙިލްމީ މިހެން ވިދާޅުވީ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ސިފައިންގެ ހަރަކާތްތައް ދައްކައިލުމަށް ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރާއްޖޭގެ މިނިވަންކަން ދިފާޢުކުރުމަށާއި ރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމަށް ދިވެހި އަސްކަރިއްޔާ ތަރައްޤީކުރުމަށް ރައީސް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ޙިލްމީ ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމަށް އެއާކޯ އުފައްދަވާފައިވާ ކަމަށާއި، އައްޑޫ ސިޓީ ގަމުގައި އެމްއެންޑީއެފްގެ އެއާ ސްޓޭޝަނެއް ޤާއިމުކޮށް، ށ. ފުނަދޫގައިވެސް އެއާ ސްޓޭޝަނެއް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ޙިލްމީ ވިދާޅުވިއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ވައިގެ މަގުން އިތުރު ޤާބިލްކަން ހޯއްދަވައިދެއްވާނެ ކަމަށްވެސް ޙިލްމީ ވިދާޅުވިއެވެ.
އަދި ސިފައިންގެ ޤާބިލްކަން އިތުރުކުރުމަށް އާމަޑް ވެހިކަލްތަކާއި ޕާސަނަލް ގިއަރު ހޯއްދަވައިދެއްވާފައިވާ ކަމަށާއި، ކޯސްޓްގާޑުގެ މަސައްކަތްތަކަށް ތުރުކީއާއި އޮސްޓްރޭލިއާއިން މަނަވަރުތައް ހޯއްދަވައިދެއްވާފައިވާ ކަމަށްވެސް ޙިލްމީ ވިދާޅުވިއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު އަތޮޅުތަކުގައި ފަޔާ ސްޓޭޝަންތައް ޤާއިމުކުރާނެ ކަމަށްވެސް ޙިލްމީ ވިދާޅުވިއެވެ.
ރައީސް މަޤާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ސިފައިންގެ މީހުންގެ އަދަދު އިތުރުކޮށް، މިހާތަނަށް 806 ޒުވާނުންނަށް ސިފައިންގެ ވަޒީފާގެ ފުރުސަތު ހޯއްދަވައިދެއްވާފައިވާ ކަމަށް ޙިލްމީ ވިދާޅުވިއެވެ.
ސިފައިންގެ އެކޮމޮޑޭޝަނަށް ކަޅުތުއްކަލާކޮށީގައި 15 ބުރީގެ ޢިމާރާތެއް އެޅުމަށް ކޮންޓްރެކްޓަރާ ހަވާލުކޮށްފައިވާ ކަމަށާއި، ވީހާވެސް ގިނަ ސިފައިންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ބަނޑޭރިކޮށި 1 ތަރައްޤީކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށްވެސް ޙިލްމީ ވިދާޅުވިއެވެ.
"މިއީ ސިފައިންގެ ތަރައްގީކުރުމަށް އެންމެ ގިނަ މަސައްކަތްތަކެއް، އެންމެ ބޮޑު ހޭދައެއް ކުރަމުންދާ ރިޔާސީ ދައުރުކަމުގައި މި ދަންނަވަނީ ޝުކުރުވެރިކަމާއެކު،" ޙިލްމީ ވިދާޅުވިއެވެ.




