އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.
މި މައްސަލައިގެ ބަހުސް މަޖިލީހުގައި ކުރިއަށް ގެންދާނީ އެއް ގަޑިއިރަށް ކަމަށް މަޖިލީހުގެ އާއްމު ކޮމިޓީން ވަނީ ނިންމާފައެވެ. އަދި ބަހުސްގައި މެންބަރުން މިނިސްޓަރަށް އަމާޒުކޮށް ދައްކާ ވާހަކަތަކަށް މަޖިލިސް ތަޅުމުގައި ޖަވާބުދާރީވުމަށް، އެއް ގަޑިއިރުގެ ވަގުތު މިނިސްޓަރަށް ދިނުމަށްވެސް ކޮމިޓީން ވަނީ ކަނޑައަޅާފައެވެ.
ސަޢީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ މިދިޔަ އޯގަސްޓް މަހުގެ 1 ގައި، އެމްޑީޕީގެ 13 މެންބަރަކު ސޮއިކުރައްވައިގެންނެވެ.
އެ ގަރާރުގައި ބުނެފައިވަނީ ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ސަޢީދު އިހުމާލުވެވަޑައިގެންފައިވާ ކަމަށެވެ. އަދި މަޖިލީހަށް ޖަވާބުދާރީވުމުގެ ވާޖިބު އަދާކުރުމުގައިވެސް އިހުމާލުވެ، މިނިސްޓަރުން ކުރުން މަނާކޮށްފައިވާ އަމަލުތަކެއް ހިންގަވާފައިވާ ކަމަށްވެސް ގަރާރުގައި ބުނެފައިވެއެވެ.




