އދ. އޮމަދޫގައި ތަރައްޤީކުރަމުންދާ ޕޮލިސް ޕޯސްޓުގެ ވަށާފާރުގައި ސިމެންތި ޖެހުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.
މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރަމުން އެމްޓީސީސީން ބުނީ، ވަށާފާރުގައި ސިމެންތި ޖެހުމުގެ އިތުރުން، އިމާރާތުގެ ފުރާޅުގެ ފަހު މަސައްކަތްތަކާއި އިމާރާތުގެ އެތެރޭގެ ބްލޮކް ޖެހުމުގެ މަސައްކަތްވެސް ސައިޓުގައި މިހާރު ކުރަމުންދާ ކަމަށެވެ.
މި މަސައްކަތް ކުރަނީ، ދިވެހި ފުލުހުންގެ ޚިދުމަތާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ރާއްޖޭގެ 10 ރަށެއްގައި ޕޮލިސް ޕޯސްޓު ތަރައްޤީކުރުމަށް އެމްޓީސީސީން ކުރިއަށްގެންދާ މަޝްރޫޢުގެ ތެރެއިންނެވެ.
އޮމަދޫ ޕޮލިސް ޕޯސްޓުގެ މަސައްކަތް ރަސްމީކޮށް ފެށީ 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުއެވެ.
މި މަޝްރޫޢު ނިމި ޕޮލިސް ޕޯސްޓުގެ ޚިދުމަތް ލިބެން ފެށުމުން، ރަށުގެ އަމާންކަން ދެމެހެއްޓުމަށާއި ކުށް މަދުކުރުމަށް ކުރާ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.




