ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު 30 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
ފުލުހުންގެ ތަރުޖަމާނު އަޙްމަދު ޝިޔާމް ވިދާޅުވީ، ޝާހިދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ، އުމުރުން 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި، ކޯޓު އަމުރެއްގެ ދަށުން ހ. ރަބީޢީމަންޒިލް، އަބްދުﷲ ޝާހިދު (64) ހައްޔަރުކުރީ ރޭ 21:59 ހާއިރު ކަމަށެވެ. ހައްޔަރުކުރުމަށްފަހު އޭނާ ގެންދިޔައީ ދޫނިދޫއަށެވެ.
މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
ހައްޔަރުކުރުމުގެ ކުޑައިރުކޮޅެއް ކުރިން ޝާހިދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޭނާގެ ޝަޚްޞު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އެފަދަ ސާބިތު ނުހިފޭ ވާހަކަ ނުފެތުރުމަށް ވެސް އޭނާ އެދިވަޑައިގެންނެވިއެވެ.
ޝާހިދަކީ ކުރީގެ ސަރުކާރުގައި ފޮރިން މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. އޭނާ ވަނީ އދ. ގެ 76 ވަނަ ޢާންމު މަޖިލީހުގެ ރައީސްކަމުގެ މަޤާމު ވެސް ފުރުއްވާފައެވެ.
ޝާހިދު ހައްޔަރުކުރީ 2028 ގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓަށް ވާދަކުރައްވަން ކެމްޕެއިން ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.




