ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި މަސްތުވާތަކެތީގެ ހާއްސަ އޮޕަރޭޝަނެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
މި އޮޕަރޭޝަން ހިންގާފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 31 ވަނަ ދުވަހުއެވެ. އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ މާލެ / މ. ޕިންކްލައިޓް، ޝިވާން އިބްރާހީމް (45އ) އާއި، ތ. ތިމަރަފުށި / ޢަލީއާބާދު، އަޙްމަދު މުޙައްމަދު (38އ) އާއި، ތ. ތިމަރަފުށި / މާލޭގެއާގެ، އަޒުހަދު ޢަލީމަނިކު (41އ) އަދި ތ. ތިމަރަފުށި / ވިލާ، އާމިނަތު ނިސާ (41އ) އެވެ.
މި ހަތަރު މީހުންނަކީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، ވިޔަފާރިކޮށް، ޓްރެފިކްކުރާ ކަމަށް ތުހުމަތުކުރެވޭ ބައެކެވެ. އެ މީހުން ހައްޔަރުކުރުމަށްފަހު، އެ މީހުންނާ ގުޅުންހުރި މާލޭގެ ތިން ގެއެއް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ 111.15 ގުރާމުގެ ތަކެތި ފެނިފައިވެއެވެ.
ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ހަތަރު މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.




