ޔޫއޭއީ އިމްޕޯޓް ދަށްވެ ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކުރި ގައުމަކަށް ޗައިނާ ވެއްޖެ

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން، ފާއިތުވި އަހަރުތަކުގައި ރާއްޖެއަށް އެންމެ ގިނައިން މުދާ އިމްޕޯޓުކުރި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އިން މުދާ އެތެރެކުރި މިންވަރު 42.6 އިންސައްތަ ދަށްވެ، ޗައިނާއިން އިމްޕޯޓުކުރި މިންވަރު 32 އިންސައްތަ އިތުރުވެއްޖެއެވެ.

ފާއިތުވި ފަސްވަރަކަށް އަހަރު ރާއްޖޭގެ އެންމެ ބޮޑު އިމްޕޯޓް ބައިވެރިޔާގެ ގޮތުގައި އޮތް ޔޫއޭއީން މުދާ އެތެރެކުރި މިންވަރު މަދުވީ، ހަނގުރާމައާއެކު ހޮރްމުޒް ކަނޑުއޮޅި ބަންދުކުރުމުން ކަނޑުމަގުން މުދާ ބޭރުކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ދިމާވުމާ ގުޅިގެންނެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2025 ވަނަ އަހަރުގެ ޖަނަވަރީން ސެޕްޓެމްބަރުގެ ނިޔަލަށް ޔޫއޭއީން 516.7 މިލިއަން ޑޮލަރުގެ މުދާ ރާއްޖެއަށް އެތެރެކުރި ނަމަވެސް، މި އަހަރުގެ އެ މުއްދަތުގައި އިމްޕޯޓުކޮށްފައިވަނީ 296.5 މިލިއަން ޑޮލަރުގެ މުދަލެވެ.

ޔޫއޭއީގެ އިމްޕޯޓު ދަށްވި ނަމަވެސް، ރާއްޖެއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އޮންނަ ޗައިނާއިން މުދާ އިމްޕޯޓުކުރި މިންވަރު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. ނިމުނު އަހަރު ޗައިނާއިން 381.1 މިލިއަން ޑޮލަރުގެ މުދާ ރާއްޖެއަށް އެތެރެކުރިއިރު، މި އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް އެ އަދަދު ވަނީ 503.9 މިލިއަން ޑޮލަރަށް އަރާފައެވެ. މިއާއެކު މި އަހަރު ރާއްޖެއަށް އެންމެ ގިނައިން މުދާ އިމްޕޯޓުކުރި ގައުމަކަށް ޗައިނާ ވަނީ ވެފައެވެ.

މީގެ އިތުރުން، ދެވަނައަށް އެންމެ ގިނައިން މުދާ އިމްޕޯޓުކުރި އިންޑިއާއިން މި އަހަރު 451.1 މިލިއަން ޑޮލަރުގެ މުދާ އެތެރެކޮށްފައިވާއިރު، މެލޭޝިއާއިން އިމްޕޯޓުކުރި މިންވަރު ވަނީ 73 އިންސައްތަ އިތުރުވެ، 232 މިލިއަން ޑޮލަރަށް އަރާފައެވެ.

ނިމުނު އަހަރު ރާއްޖެއަށް ޖުމްލަ 2.62 ބިލިއަން ޑޮލަރުގެ މުދާ އިމްޕޯޓުކުރިއިރު، މި އަހަރުގެ މިހާތަނަށް ވަނީ 3.35 ބިލިއަން ޑޮލަރުގެ މުދާ އިމްޕޯޓުކޮށްފައެވެ. އިމްޕޯޓަށް ހިނގި ޖުމްލަ ހަރަދު މަތިވި މައިގަނޑު ސަބަބަކީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު އުފުލުމެވެ.

ރިއެކްޝަންސް

ކޮމެންޓް