ރާއްޖެއާއި ކެނެޑާއާ ދެމެދު ދިފާއީ ގުޅުން ބަދަހިކުރަން މަޝްވަރާކޮށްފި

ދިވެހިރާއްޖެއާއި ކެނެޑާއާ ދެމެދު އޮތް ދޭދޭ ދިފާއީ ގުޅުން އިތުރަށް ހަރުދަނާކޮށް ފުޅާކުރުމުގެ ފުރުސަތުތަކާ ގުޅޭގޮތުން ދެ ގައުމުގެ ދެމެދުގައި މުހިންމު މަޝްވަރާތަކެއް ކޮށްފިއެވެ.

މި މަޝްވަރާތައް ކުރިއަށްދިޔައީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސްގެ ޑެޕިއުޓީ މިނިސްޓަރ ފާތިމަތު މިޒްނާ އަލީ، ކެނެޑާގެ ހައިކޮމިޝަންގެ ކައުންސެލަރ ގްވެން ޓެމެލްއާ އެކު ބޭއްވެވި ބައްދަލުވުމެއްގައެވެ.

މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސްގައި ބޭއްވުނު މި ބައްދަލުވުމުގައި، ދެ ގައުމުގެ ދެމެދުގައި ކުރިއަށް އޮތް ތަނުގައި އެއްބާރުލުން ދެވިދާނެ މުހިންމު ދާއިރާތައް ދެނެގަނެ، ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ ހިޔާލު ބަދަލުކުރައްވާފައެވެ.

ޑިފެންސް މިނިސްޓްރީން ކުރި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލައްވާފައިވަނީ ދެ ގައުމުގެ ދެމެދުގައި ދިފާއީ ދާއިރާއިން އައު ގުޅުންތަކެއް ގާއިމުކުރުމަށާއި، ދެފަރާތުގެ ވެސް މަސްލަހަތު ހިމެނޭ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރުމުގެ މައްޗަށެވެ.

މި ބައްދަލުވުމަކީ ރާއްޖޭގެ ބައިނަލްއަގްވާމީ ދިފާއީ ބައިވެރިވުންތައް ފުޅާކުރުމަށާއި، ކެނެޑާއާއެކު މި ދާއިރާއިން އޮތް ފުރުސަތުތައް ދެނެގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ.

ދިފާއީ ދާއިރާގެ އިތުރުން، ހާރިޖީ އަދި އިގްތިސާދީ ދާއިރާއިން ވެސް ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމަށް ޝައުގުވެރިކަން ހުރިކަން މި ބައްދަލުވުމުގައި ދެ ފަރާތުން ވަނީ ހާމަކުރައްވާފައެވެ.

ރިއެކްޝަންސް

ކޮމެންޓް