އުރީދޫއަށް ތިން ވަނަ ކުއާޓަރުގައި 577 މިލިއަން ރުފިޔާގެ އާމްދަނީއެއް

މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި އުރީދޫ މޯލްޑިވްސްއަށް 577 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އެ ކުންފުނިން އާންމުކުރި މާލީ ހިސާބުތަކުން ދައްކައިފިއެވެ.

ހިސާބުތައް ދައްކާ ގޮތުގައި، މިއީ މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރާ އަޅައިބަލާއިރު 5.1 އިންސައްތައިގެ ކުރިއެރުމެކެވެ. މި އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު، މިއީ ގާތްގަނޑަކަށް އަށް އިންސައްތައިގެ އިތުރުވުމެކެވެ.

ތިން ވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 180 މިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާ އުރީދޫއަށް ވަނީ ލިބިފައެވެ.

އެ ކުންފުންޏަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ މޮބައިލް ޚިދުމަތްތަކުންނެވެ. އެގޮތުން މޮބައިލް ޚިދުމަތްތަކުން 398 މިލިއަން ރުފިޔާ ލިބުނުއިރު، ފިކްސްޑް ބްރޯޑްބޭންޑް އަދި އެންޓަޕްރައިޒް ޚިދުމަތްތަކުން 177.8 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

މި ނަތީޖާއާ ގުޅިގެން އުރީދޫގެ މެނޭޖިން ޑިރެކްޓަރު ޝާޑީ ގަވަސްމީ ވިދާޅުވީ، މި އަހަރުގެ ފުރަތަމަ ތިން ކުއާޓަރުގައިވެސް އެ ކުންފުންޏަށް މާލީ ގޮތުން ރަނގަޅު ނަތީޖާއެއް ހާސިލުކުރެވިފައިވާ ކަމަށެވެ. މިއީ ކުންފުނީގެ ހިންގުމުގެ ހަރުދަނާކަމާއި ހިއްސާދާރުންނަށް ދެމެހެއްޓެނިވި ފައިދާއެއް ހޯދައިދިނުމަށް ކުރާ މަސައްކަތުގެ ނަތީޖާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

މިދިޔަ ކުއާޓަރުގައި އުރީދޫން ވަނީ ޗައިލްޑް ސޭފް، ޓްރޫ ކޯލާ ޕްރީމިއަމް އަދި ސޮނީ ލިވް ސަބްސްކްރިޕްޝަން ފަދަ އައު ޚިދުމަތްތަކެއް ތައާރަފުކޮށްފައެވެ. އަދި އެ ކުއާޓަރުގައި ކުންފުނީގެ 21 ވަނަ އަހަރީ ދުވަސް ވެސް ވަނީ ފާހަގަކޮށްފައެވެ.

ރިއެކްޝަންސް

ކޮމެންޓް