ހިންމަފުށީ އެންޑީއޭ މަރުކަޒުން ފިލި ފައިރިޝް، މާލޭގައި އުޅެނިކޮށް އަލުން ހައްޔަރުކޮށްފި

ކ. ހިންމަފުށީގައި ހުންނަ ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)ގެ މަރުކަޒުން ފިލި އަޙްމަދު ފައިރިޝް، މާލޭގައި އުޅެނިކޮށް އަލުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، ހއ. ހޯރަފުށި، ނޫވިލުގެ، އަޙްމަދު ފައިރިޝް (43އ) ހޯދައި މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށާއި، އޭނާ ހޯދީ މާލެއިން ކަމަށެވެ.

ފައިރިޝް ވަނީ ފުލުހުންގެ ބެލުމުގެ ދަށުން ފަރުވާއަށް ހިންމަފުށީގައި ހުންނަ އެންޑީއޭގެ މަރުކަޒަށް ބަދަލުކޮށްފައެވެ. އެ ތަނުގައި ހުއްޓާ އިއްޔެ މެންދުރުފަހުގެ ވަގުތެއްގައި އޭނާ ފިލާފައިވާ ކަމަށް ފުލުހުން އިއްޔެ ވަނީ ބުނެފައެވެ.

ފައިރިޝް ހައްޔަރުކުރީ ބިރުދެއްކުމާއި މުދަލަށް ގެއްލުންދިނުމާއި މާރާމާރީ ހިންގުމާއި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމުގެ ތުހުމަތުގައެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖެހިއިރު، އެ މުއްދަތު ހަމަވާނީ މާދަމާއެވެ.

މާލޭގައި ތަކުރާރުކޮށް މީހުންނަށް ގޯނާތަކާއި އުނދަގޫތައް ކުރާ ފައިރިޝްގެ މައްސަލަ ހައްލުނުވާތީ، މުޙައްމަދު ސައީދު ނަމަކަށް ކިޔާ މީހަކު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރުމާ ގުޅިގެން ފައިރިޝް ހައްޔަރުކުރިއެވެ. ސައީދު ހަޅުތާލު ނިންމާލީ 35 ގަޑިއިރަށް ފަހުއެވެ.

ރިއެކްޝަންސް

ކޮމެންޓް