ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބައިނަލްއަގުވާމީ މާކެޓްތަކުން ޑޮލަރުން ފައިސާ ބަލައިގަނެވޭނެ ގޮތަށް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޕޭމަންޓް ގޭޓްވޭގެ ޚިދުމަތަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
ބީއެމްއެލްއިން ބުނީ، މި ޚިދުމަތަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގެ ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. ބީސީސީ މެދުވެރިކޮށް ރިފަރަލް ލިބުމުން، ބޭންކުން އެ ވިޔަފާރިއަކާ ގުޅައި، ބޭނުންވާ ލިޔެކިޔުންތައް ހޯދުމާއި ރަޖިސްޓްރީ ކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދާނެއެވެ. އެ މަސައްކަތްތައް ނިމުމުން، ވިޔަފާރީގެ އެކައުންޓާއި ޕޭމަންޓް ގޭޓްވޭ ގުޅުވައިދެވޭނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ.
ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ލިބޭ ޑޮލަރު ޖަމާވާނީ އެ ވިޔަފާރިއެއްގެ ޑޮލަރު އެކައުންޓަށެވެ. އަދި އެ އެކައުންޓަށް ދޫކުރެވޭ ޔޫއެސްޑީ ޑެބިޓް ކާޑު ބޭނުންކޮށްގެން، އެކި ބާވަތުގެ އޮންލައިން ސަބްސްކްރިޕްޝަންތަކަށާއި ބައިނަލްއަގުވާމީ އެހެނިހެން މުއާމަލާތްތަކަށް ދަތިކަމެއް ނެތި ފައިސާ ދެއްކުމުގެ ފުރުސަތު ވިޔަފާރިތަކަށް ލިބިގެންދާނެއެވެ.
މިއީ އިކޮނޮމިކް މިނިސްޓްރީއާއި ބީސީސީ ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ. މި ޚިދުމަތުގެ މައިގަނޑު މަގުސަދަކީ ބައިނަލްއަގުވާމީ މާކެޓްތަކަށް މުދަލާއި ޚިދުމަތް ފޯރުކޮށްދޭ ދިވެހި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި އުފެއްދުންތެރިންނަށް، ބޭރުގެ ކަސްޓަމަރުންގެ ފަރާތުން ފަސޭހަކަމާއެކު ޑޮލަރުން ފައިސާ ބަލައިގަނެވޭނެ މަގު ފަހިކޮށްދިނުމެވެ.
ބީއެމްއެލް ގޭޓްވޭ މެދުވެރިކޮށް ކުދި ވިޔަފާރިތަކަށް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ހަމަޖެހިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކުރިން އިޢުލާނުކުރައްވާފައެވެ.




