ތިނަދޫ ސިޓީގެ މޭޔަރު ސަޢުދު ޢަލީގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކަށް ޖަވާބުދާރީވުމަށާއި ވަކީލަކު އައްޔަންކުރުމަށް، އަންނަ ހަފުތާގެ އަންގާރަ ދުވަހުގެ (10 ނޮވެމްބަރު) ނިޔަލަށް ޝަރީއަތުން އިތުރު ފުރުސަތެއް ދީފިއެވެ.
ތިނަދޫއަކީ ސިޓީއެއްގެ ގޮތުގައި ކަނޑައެޅީ ގާނޫނާ ޚިލާފަށް ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ސަޢުދުގެ މައްޗަށް ދެ ދައުވާއެއް ވަނީ ކޮށްފައެވެ. އެއީ އެނގިހުރެ ސައްހަ ނޫން ލިއުމެއް ދިނުމުގެ ދައުވާއާއި ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާއެވެ. މި ދައުވާތައް ސާބިތުވެއްޖެނަމަ ސަޢުދުގެ މައްޗަށް ގިނަވެގެން 2 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.
މިއަދު ބޭއްވި އަޑުއެހުމުގައި މޭޔަރު ސަޢުދު ވިދާޅުވީ، ދައުވާއާ ގުޅޭ އެންމެ ފަހުގެ ލިޔެކިޔުންތައް ލިބުނީ މިއަދު ކޯޓަށް ހާޒިރުވުމުން ކަމަށާއި، އެ ލިޔެކިޔުންތައް ދިރާސާކުރުމަށާއި ވަކީލަކު ހަމަޖެއްސުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށެވެ.
މައްސަލަ ބައްލަވާ ގާޟީ އަޙްމަދު ޝާފިޢު ފާހަގަކުރެއްވި ގޮތުގައި، ވަކީލަކު އައްޔަންކުރަން ފުރަތަމަ އޮކްޓޫބަރު 5 ގައި އަންގައި، އޭގެ ފަހުންވެސް އިތުރު ފުރުސަތު ދެވިފައިވާނެއެވެ. އަދި އަޑުއެހުމަށް ހާޒިރުވާން އުޒުރުވެރިވާނަމަ ކުރިއާލާ ކޯޓަށް އަންގަންޖެހޭނެ ކަމަށް ގާޟީ ވިދާޅުވިއެވެ.
ނަމަވެސް، މިއަދު އިތުރު ލިޔެކިޔުންތަކެއް ހަވާލުކުރެވިފައިވާތީ، ގާޟީ ޝާފިޢު ވަނީ ވަކީލަކު އައްޔަންކުރުމަށް ސަޢުދަށް އިތުރު ފުރުސަތެއް ދެއްވައި، މައްސަލައިގެ ދެން އޮންނަ އަޑުއެހުން ނޮވެމްބަރު 10 ވާ އަންގާރަ ދުވަހަށް ތާވަލުކުރައްވާފައެވެ. އެ އަޑުއެހުމަށް ހާޒިރުވާއިރު، ހެކިންގެ މައުލޫމާތާއި ދައުވާއަށް ޖަވާބުދާރީވާނެ ގޮތް ވަކީލާއެކު ހުށަހަޅަންޖެހޭނެ ކަމަށް ޝަރީއަތުން ވަނީ އެންގަވައިފައެވެ.




