ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢާ ގުޅުވައިގެން، "ޒަޔަނިސްޓުން ގައުމު ހިފަނީ" ފަދަ ވާހަކަތައް ދެއްކުމަކީ އިދިކޮޅު އެމްޑީޕީގެ އިތުބާރު ގެއްލިގެންދާނެ ކަމެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ "އެކްސް" ގައި މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު ވިދާޅުވީ ދީން ސިޔާސީ ހަތިޔާރަކަށް ހެދުމާއި، ގައުމީ ބޮޑެތި މަޝްރޫޢުތަކާ ގުޅުވައިގެން ހަގީގަތެއް ނެތް ބިރުވެރި ވާހަކަތައް ފެތުރުމަކީ ޕާޓީގެ ސީރިއަސްކަން ގެއްލި، އާންމު މަޝްވަރާތަކަށް ހީނަރުކަން ގެނުވާ ކަމެއް ކަމަށެވެ. އަދި މިފަދަ ވާހަކަތަކުގެ ސަބަބުން އެމްޑީޕީއަށް އެއްވެސް އިތުބާރެއް ނުލިބޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ނަޝީދު ފާހަގަކުރެއްވި ގޮތުގައި އެމްޑީޕީގެ މިހާރުގެ މިސްރާބަކީ ބޮޑު ކަންބޮޑުވުމެކެވެ. ކުރިން ހުޅުވާލެވިފައިވާ ޑިމޮކްރެޓިކް އިސްލާހީ މަސައްކަތްތަކަށް ވަކާލާތުކުރި ޕާޓީން މިހާރު ފެންނަނީ ބޭރު މީހުންނަށް ނަފްރަތު އުފެއްދުމާއި، ހައްދުފަހަނައެޅި ގައުމީ ޝުއޫރުތައް ފާޅުކުރުން ކަމަށާއި، މިއީ އެ ޕާޓީ އުފެދިގެން އައި އަސާސްތަކާ މުޅިން ޚިލާފު ކަމެއް ކަމަށް ވިދާޅުވިއެވެ.
އިންތިޚާބީ ކާމިޔާބީ ހޯދުމަށް ބިރުވެރިކަމާއި ބައިބައިވުން އުފެއްދުމުގެ ބަދަލުގައި، ކުރިން "ބިރަކާ ނުލާ މަޖާކުރުން" ފަދަ ޝިއާރުތަކުން އިތުރު 20،000 އެއްހާ ވޯޓު ހޯދިކަން ހަނދާންކޮށްދެއްވަމުން ނަޝީދު ވިދާޅުވީ، މިފަދަ ޕޮޕިއުލިސްޓް ވިސްނުންތަކުގެ ސަބަބުން އެމްޑީޕީގެ އަސްލު ބޭސް ކަމަށްވާ މެދުމިނުގެ، ލިބަރަލް ވިސްނުމުގެ ވޯޓަރުން ޕާޓީއާ ދުރުވާނެ ކަމަށެވެ.
އެމްޑީޕީ މިހާރު އޮތީ ތާރީޚީ ގޮތުން ނާޒުކު ފައްތަރެއްގައި ކަމަށް ވިދާޅުވެ، ރައީސް ނަޝީދު ވަނީ ޕާޓީ އަމިއްލައަށް ފަނާވާ މިސްރާބުން ސަލާމަތްކުރުމަށްޓަކައި އަސާސްތައް ދަމަހައްޓާ މެންބަރުން ކުރިއަށް ނުކުތުމަށް ގޮވާލައްވާފައެވެ.


