ނަފްސާނީ ދުޅަހެޔޮކަމަށް ޖިސްމާނީ ދުޅަހެޔޮކަމެކޭ އެއްވަރަށް އިސްކަންދޭންޖެހޭ: ސާޖިދާ

ނަފްސާނީ ދުޅަހެޔޮކަމަކީ ޖިސްމާނީ ދުޅަހެޔޮކަމެކޭ އެއްފަދައިން މުހިންމުކަމެއްގެ ގޮތުގައި ބަލައިގަންނަންޖެހޭ ކަމަށާއި، ނަފްސާނީ ދުޅަހެޔޮކަން ނެތި ފުރިހަމަ ސިއްހަތެއްގައިވާ މުޖުތަމައެއް ބިނާނުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީގައި ބޭއްވި "ސާކް ސައިކިއަޓްރިކް ފެޑަރޭޝަން" ގެ 16 ވަނަ ބައިނަލްއަގުވާމީ ކޮންފަރެންސް އިފުތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ނޮވެމްބަރު 1 އިން 2 އަށް ކުރިއަށްދާ މިއީ ދެ ދުވަހުގެ މުއްދަތަށް ބާއްވާ ކޮންފަރެންސެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި، ނަފްސާނީ ދުޅަހެޔޮކަމަކީ އެކަނި ބޭސްފަރުވާއާ ގުޅިފައިވާ ކަމެއް ނޫން ކަމަށާއި، އެއީ އިންސާނީ ކަރާމާތާއި، އިންސާނީ ގުޅުންތަކާއި، އަދި މިހާރާއި އަންނަންއޮތް ޖީލުތަކަށް މުޖުތަމައެއްގައި ގާއިމުކުރަން ބޭނުންވާ ދިރިއުޅުމުގެ ފެންވަރާ ގުޅިފައިވާ ކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި ސަރަހައްދީ ފެންވަރުގައި ނަފްސާނީ ދުޅަހެޔޮކަމުގެ ގޮންޖެހުންތައް އިތުރުވަމުންދާއިރު، އެހީތެރިކަން ހޯދުމަށް އޮތް އެންމެ ބޮޑު ހުރަހަކީ އެކަމާ މެދު އޮންނަ ހިމޭންކަމާއި، ފާޑުކިއުމަށް ބިރުގަތުން ކަމަށް ވިދާޅުވިއެވެ. އެހެންކަމުން އެހީއަށް އެދުމަކީ ނިކަމެތިކަމެއްގެ ގޮތުގައި ދެކުމުގެ ބަދަލުގައި، އެއީ ކެރޭކަމެއްގެ ގޮތުގައި ބަލައިގަންނަ މުޖުތަމައެއް ބިނާކުރުމަށް އެކަމަނާ ގޮވާލެއްވިއެވެ.

މަންމައެއްގެ ހައިސިއްޔަތުން ވާހަކަފުޅު ދައްކަވަމުން، ކުޑަކުދިންނާއި ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމާ މެދު އެކަމަނާ ހާއްސަ ކަންބޮޑުވުމެއް ހާމަކުރެއްވިއެވެ. ތައުލީމީ ފިއްތުންތަކާއި، މުޖުތަމައުގެ އުންމީދުތަކާއި، އާއިލީ މައްސަލަތަކުގެ އިތުރުން އިންޓަނެޓުގެ ނުފޫޒުގެ ސަބަބުން ޒުވާނުންގެ ސިކުނޑިތަކަށް ބޮޑެތި ބާރުތަކެއް ފޯރަމުންދާކަން ފާހަގަކުރައްވައި، ގޭތެރެއިންނާއި ސްކޫލްތަކުން އަދި މުޖުތަމައުގެ ތެރެއިން އެކުދިންނަށް އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ގައުމީ ސިއްހީ އެޖެންޑާގެ ތެރޭގައި ނަފްސާނީ ސިއްހަތަށް ބޮޑު އިސްކަމެއް ދެވިފައިވާކަން ފާހަގަކުރައްވަމުން، އެކަމަނާ ވަނީ "ނޭޝަނަލް މެންޓަލް ހެލްތު ސްޓްރެޓީޖިކް އެކްޝަން ޕްލޭން 2025-2029" އަދި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނާއި ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓުގެ ދައުރަށް އަލިއަޅުއްވާލައްވާފައެވެ. އަދި ސިއްހީ ހިދުމަތްތެރިން ކުރައްވާ މަސައްކަތްތަކަށް ސާބަސް ދެއްވައި، މުޅި ސަރަހައްދުގެ ގައުމުތައް ގުޅިގެން ނަފްސާނީ ސިއްހަތުގެ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް އެކަމަނާ އިލްތިމާސްކުރެއްވިއެވެ.

ރިއެކްޝަންސް

ކޮމެންޓް