2027 ގެ ބަޖެޓުން ބޯހިޔާވަހިކަމަށް 3 ބިލިއަން ރުފިޔާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެންމެ އިސްކަމެއްދެއްވާ ބޯހިޔާވަހިކަމުގެ ސިޔާސަތު އިތުރަށް ހަލުއިކުރުމުގެ ގޮތުން، އަންނަ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި 3 ބިލިއަން ރުފިޔާ ހިމަނައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ހުށަހަޅުއްވަމުން މާލީ ކަންކަމާއި ދައުލަތުގެ ވިޔަފާރިތަކާ ބެހޭ ވަޒީރު ހަސަން ޒަރީރު ވިދާޅުވީ، ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ރައްޔިތުން އުފުލަމުންދާ އިޖުތިމާއީ ތަކުލީފުތަކަށް ދާއިމީ ހައްލެއް ހޯދައިދިނުން ކަމަށެވެ. އެގޮތުން ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމުގެ މަސައްކަތް ސީދާ ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުން ކުރިއަށްދާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަށާފައިވާ މަޝްރޫއުތައް އަންނަ އަހަރުވެސް ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.

އަމިއްލަ ގޯތި އޮތްނަމަވެސް މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ގެދޮރު އިމާރާތް ނުކުރެވިފައި ތިބި ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން، ބޭންކުތަކުން ނަގާ ލޯނަށް ދައްކަންޖެހޭ އިކުއިޓީ ދައްކައިދިނުމުގެ ހާއްސަ ޕްރޮގުރާމެއް ތައާރަފުކުރުމަށް ވަނީ ނިންމާފައެވެ. އަމިއްލަ ގޯތީގައި ގެދޮރު ބިނާކުރުމަށާއި ފުރަތަމަ ގެދޮރު ގަތުމަށް ދޫކުރާ ލޯނުތަކުގެ އިކުއިޓީއަށް ހާއްސަކޮށްގެން ބަޖެޓުގައި 750 މިލިއަން ރުފިޔާ ހިމަނާފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ރަށްރަށުގައި ބިން ހިއްކާފައިވީ ނަމަވެސް އަސާސީ ޚިދުމަތްތައް ނެތުމުގެ ސަބަބުން ބޭނުންނުކުރެވި ހުރި ބިންތަކުގެ މައްސަލައަށް ހައްލެއް ގެނައުމަށް ސަރުކާރުން ވަނީ އަމާޒުހިފާފައެވެ. އެގޮތުން އެފަދަ ބިންތަކުގައި ފެނާއި، ނަރުދަމާ އަދި ކަރަންޓުގެ ވިއުގަ ގާއިމުކުރުމަށް ބޭނުންވާ ފައިސާވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާނެ ކަމަށް މާލީ ވަޒީރު ވިދާޅުވިއެވެ.

ރިއެކްޝަންސް

ކޮމެންޓް