ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026 އަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ މީހުން ޒިޔާރަތްކޮށްފައިވާކަމަށް އިޤުތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ހާމަކުރައްވައިފިއެވެ.
ވަޒީރު ސަޢީދު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 10 އަހަރުގެ މެދުކެނޑުމަކަށްފަހު 2025 ވަނަ އަހަރު އަލުން ފެށި މި މައުރަޒާއި އެކްސްޕޯ އަހަރުން އަހަރަށް ތަރައްޤީކުރަމުންދާ ކަމަށެވެ. މައިގަނޑު އަމާޒަކީ ކްރިއޭޓިވް އިކޮނޮމީގެ ދާއިރާ ފުޅާކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒާ އެއްގޮތަށް 2030 ގެ ކުރިން ރާއްޖޭގެ އުފެއްދުންތެރިކަމުގެ (ޖީޑީޕީ) 15 އިންސައްތައަކީ ކްރިއޭޓިވް އިކޮނޮމީގެ ހިއްސާ ކަމުގައި ހެދުމެވެ.
މައުރަޒު ފެށުނީއްސުރެ މިހާތަނަށް ޖުމްލަ 205,000 މީހުން މައުރަޒަށް ޒިޔާރަތްކޮށްފައިވާއިރު، އެއީ އެވްރެޖުކޮށް ދުވާލަކު 41,000 މީހުންނެވެ.
މިއަހަރުގެ މައުރަޒުގައި 7 ޑިސްޓްރިކްޓެއް ގާއިމުކޮށްފައިވާއިރު، 419 ފަރާތަކުން 4,404 އުފެއްދުން ވަނީ ބައިވެރިކޮށްފައެވެ. މިއީ މިދިޔަ އަހަރު 240 ފަރާތަކުން ބައިވެރިކުރި 2,400 އުފެއްދުމާ އަޅާބަލާއިރު 83.5 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. މައުރަޒުގައި އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އަމިއްލަ ފަރުދުންނެވެ. އެގޮތުން 321 އަމިއްލަ ފަރުދުންނާއި، 75 ވިޔަފާރިއަކާއި، ނުކުޅެދުންތެރިކަން ހުންނަ 16 ފަރާތެއްގެ އިތުރުން ތަޢުލީމީ ދާއިރާއާއި، ޖަމްޢިއްޔާތަކާއި، ސަރުކާރު ކުންފުނިތަކުންވެސް ވަނީ ބައިވެރިވެފައެވެ.



