60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުން އަމިއްލަ ތަންތަނުން ހިދުމަތް ހޯދާއިރު އާސަންދައިން 15 އިންސައްތައިގެ ކޯ-ޕޭމަންޓެއް ނަގަން ނިންމައިފި

މަހަކު 60,000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުން، އަމިއްލަ ޞިއްޙީ މަރުކަޒުތަކުން ޚިދުމަތް ހޯދާއިރު 15 އިންސައްތައިގެ ކޯ-ޕޭމަންޓެއް އަންނަ އަހަރުގެ ޖަނަވަރީ 1 އިން ފެށިގެން ނެގުމަށް ނިންމައި، އެކަމާ ގުޅޭ ގަވާއިދު ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާބެހޭ ވުޒާރާއިން ގެޒެޓްކޮށްފިއެވެ.

މިއީ ދައުލަތުގެ ޞިއްޙީ އިންޝުއަރަންސް ނިޒާމު، އާސަންދަ ހަރުދަނާކޮށް އިސްރާފު ކުޑަކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމެކެވެ. މި ކޯ-ޕޭމަންޓް ނަގާނީ އާސަންދައިގައި ރަޖިސްޓަރީވެފައިވާ އަމިއްލަ ކްލިނިކްތަކާއި، ހޮސްޕިޓަލްތަކާއި، ފާމަސީތަކުގެ އިތުރުން އޮޕްޓިކަލް އަދި ޕްރޮސްތެޓިކް ޚިދުމަތް ދޭ ތަންތަނުންނެވެ. ނަމަވެސް، ސަރުކާރުގެ ޞިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުން ޚިދުމަތް ހޯދާ ފަރާތްތަކުގެ އަތުންނާއި، އާސަންދަ މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފޮނުވާ ޙާލަތްތަކުގައި އެއްވެސް ކޯ-ޕޭމަންޓެއް ނުނަގާނެއެވެ.

އާމްދަނީ ބޮޑުވި ނަމަވެސް، ޤައުމަށް ބޭނުންތެރި ފަންނީ ދާއިރާތަކުގެ މީހުން ހިފެހެއްޓުމުގެ ގޮތުން ޑޮކްޓަރުންނާއި މެޑިކަލް ފަންނީ މުވައްޒަފުން، ޕައިލެޓުންނާއި އޭވިއޭޝަން ފަންނީ މުވައްޒަފުން، އަދި އިންޖިނިއަރުންނާއި ސައިންސް ދާއިރާގެ ފަންނީ މުވައްޒަފުން ވަނީ މި އުޞޫލުން އިސްތިސްނާކޮށްފައެވެ.

މި އިޞްލާޙީ ބަދަލާއެކު ދައުލަތުގެ ބަޖެޓުން އަހަރަކު ގާތްގަނޑަކަށް 287 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ.

ރިއެކްޝަންސް

ކޮމެންޓް