ރީ-އެކްސްޕޯޓުން ލިބުނު އާމްދަނީ 319 މިލިއަން ޑޮލަރަށް އަރައިފި

ރާއްޖެއިން މުދާ ރީ-އެކްސްޕޯޓުކޮށްގެން މި އަހަރުގެ މިހާތަނަށް ލިބުނު އާމްދަނީ 319 މިލިއަން ޑޮލަރަށް އަރައިފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އެންމެ ފަހުގެ މަންތްލީ ސްޓެޓިސްޓިކްސް ރިޕޯޓުގައިވާ ގޮތުން، މިދިޔަ އަހަރުގެ މި މުއްދަތުގައި ރީ-އެކްސްޕޯޓުން ލިބިފައިވަނީ 299 މިލިއަން ޑޮލަރެވެ. އެހެންކަމުން މިއީ 6.8 އިންސައްތައިގެ އިތުރުވުމެކެވެ.

ރީ-އެކްސްޕޯޓަކީ ބޭރުގެ އެހެން ޤައުމުތަކުން ރާއްޖެއަށް އެތެރެކުރާ މުދާ، ރާއްޖެ މެދުވެރިކޮށް އަލުން އެހެން ޤައުމުތަކަށް ބޭރުކުރުމެވެ.

ރީ-އެކްސްޕޯޓުން ލިބޭ އާމްދަނީ ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެފައިވަނީ، ކަނޑުމަގުން ރާއްޖެއަށް ގެންނަ މުދާ ޓްރާންސިޓުކޮށް ވައިގެ މަގުން ދުނިޔޭގެ އެހެން މަންޒިލްތަކަށް ފޮނުވުމަށް ތަޢާރަފުކުރި ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތާ ގުޅިގެންނެވެ.

މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި އެކަނިވެސް މި ޚިދުމަތުގެ ދަށުން 633 ޓަނުގެ މުދާ ރާއްޖެއިން ބޭރަށް ވަނީ ފޮނުވާފައެވެ. މި ޚިދުމަތް ފެށިތާ ކުރު މުއްދަތެއްގެ ތެރޭގައި ބައިނަލްއަޤްވާމީ 17 އަށްވުރެ ގިނަ އެއާލައިނުން މިހާރު ވަނީ މި ނިޒާމާ ގުޅިފައެވެ.

ރާއްޖެއަށް ގިނަ އަދަދެއްގެ ބައިނަލްއަޤްވާމީ ފްލައިޓުތައް ދަތުރުކުރާތީ، މި ވިޔަފާރި އިތުރަށް ފުޅާކުރުމުގެ ބޮޑު ފުރުޞަތެއް ރާއްޖެއަށް އޮތްކަން ސަރުކާރުން ފާހަގަކުރެއެވެ.

ރިއެކްޝަންސް

ކޮމެންޓް