ނ. މަނަދޫގައި އަލަށް ޢިމާރާތްކުރަމުންދާ ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮފީގެ ޢިމާރާތުގެ ފާރުތައް ރާނައި ނިމި، މުޅި މަޝްރޫޢުގެ 40 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ޢިމާރާތުގައި ދަރިވަރުންނަށް ކިޔަވައިދިނުމަށް ޚާއްޞަ 3 ކްލާސްރޫމާއި، ދީނީ އަދި ޢިލްމީ ފޮތްތައް ހިމެނޭ ޒަމާނީ ލައިބްރަރީއެއްގެ އިތުރުން ޖަލްސާތަކާއި ބައްދަލުވުންތައް ބޭއްވުމަށް ކޮންފަރެންސް ރޫމެއް ހިމެނެއެވެ.
މީގެއިތުރުން، އިދާރީ މަސައްކަތްތަކަށް ޚާއްޞަ އޮފީސް ބަޔަކާއި، ކީރިތި ޤުރުއާން ހިފްޡުކުރާ ދަރިވަރުންގެ ފެންވަރު ބެލުމަށާއި ހިފްޡު އިމްތިޙާނުތައް ކުރިއަށްގެންދިއުމަށް ޚާއްޞަ ބައެއްވެސް މި ޢިމާރާތުގައި ހިމެނޭނެ ކަމަށް މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ.
މި މަރުކަޒުގެ މަސައްކަތް ނިމި ހުޅުވުމާއެކު، މަނަދޫގެ އިތުރުން ނޫނު އަތޮޅުގެ ރައްޔިތުންނަށް ޤުރުއާނުގެ ތަފާތު ކޯސްތަކާއި ހިފްޡު ކްލާސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ފުޅާ ދާއިރާއެއްގައި ލިބިގެންދާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ، އަތޮޅުތަކުގެ ރަށްރަށުގައި ތިބެގެން ކީރިތި ޤުރުއާން އުނގެނުމުގެ ފުރުޞަތުތައް ރައްޔިތުންނަށް ފަހިކޮށްދިނުމެވެ. އަދި މުޅި ރާއްޖެއަށް ޤުރުއާނުގެ ޢިލްމާއި މަންހަޖު ފަތުރައި، އިސްލާމީ ތަރުބިއްޔަތު މުޖުތަމަޢުގައި ވަރުގަދަކުރުމަކީވެސް މިފަދަ މަޝްރޫޢުތަކުގެ މުހިންމު އަމާޒެކެވެ.
މަނަދޫގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮފިތައް ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރުން މިހާރުވެސް ކުރަމުން ގެންދެއެވެ.




