އެމްޑަބްލިޔުއެސްސީގެ ސްޓާފް އެވޯޑް ނައިޓުގައި 109 މުވައްޒަފަކަށް އެވޯޑް ދީފި

މާލެ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)ގެ 2026 ވަނަ އަހަރުގެ ސްޓާފް އެވޯޑް ނައިޓުގައި 109 މުވައްޒަފަކަށް އެވޯޑް ދީފިއެވެ.

މެންހެޓަން ގްރޭންޑް ހޮޓެލްގައި ބޭއްވި ހަފްލާގައި ތަފާތު 12 ކެޓަގަރީއަކުން 40 މުވައްޒަފަކަށް އެވޯޑް ދިނުމާއެކު، ކުންފުންޏަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްދީފައިވާ 69 މުވައްޒަފަކަށް ވަނީ ރިކޮގްނިޝަން އެވޯޑް ދީފައެވެ.

މި ހަފްލާ ބޭއްވީ ވޭތުވެދިޔަ އަހަރު ފާހަގަކޮށްލެވޭ މަސައްކަތްތައް ކުރި މުވައްޒަފުންނާއި ކުންފުންޏަށް ދިގު މުއްދަތަކަށް ޚިދުމަތްކުރި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ. ހަފްލާގައި އެވޯޑްތައް ހަވާލުކޮށްދެއްވީ ހަފްލާގެ ޝަރަފުވެރި މެހުމާނު، އެމްޑަބްލިޔުއެސްސީގެ ބޯޑުގެ އެކްޓިންގ ޗެއާޕަރސަން ޢައިޝަތު ރޫޙީ އާއި މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ އަދި ބޯޑު ޑިރެކްޓަރުންނާއި ސީނިއަރ މެނޭޖްމަންޓް ޓީމުގެ ބޭފުޅުންނެވެ.

ހަފްލާގެ އެންމެ ޚާއްޞަ އެވޯޑް ކަމަށްވާ "ޗެއާޕަރސަންސް އެވޯޑް ފޯރ އެކްސެލެންސް" މި އަހަރު ހާސިލުކުރީ ކުންފުނީގެ ސީނިއަރ އިލެކްޓްރިކަލް އިންޖިނިއަރ އާސިފް ޙަސަން ޖަނާހް މޫސާއެވެ.

މި ހަފްލާގައި މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވަނީ، އެމްޑަބްލިޔުއެސްސީން މުޅި ރާއްޖޭގައި ހިންގާ އިންފްރާސްޓްރަކްޗަރ މަޝްރޫޢުތަކާއި އިޖުތިމާޢީ ޒިންމާ (ސީއެސްއާރު) ގެ ޙަރަކާތްތަކާއި ޑިޖިޓަލް ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ކުރިއަށް ގެންދިއުމަށް އެކުލަވާލި ސްޓްރެޓީޖިކް އޮނިގަނޑު، "ވަން އެމްޑަބްލިޔުއެސްސީ" އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވާފައެވެ.

ހަފްލާގައި ވާހަކަދައްކަވަމުން ފަހުމީ ވިދާޅުވީ، މުވައްޒަފުންގެ ހުނަރު ފާހަގަކޮށް އަގުވަޒަންކުރުމަކީ ކުރިއެރުމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ. އަދި ވޭތުވެދިޔަ އަހަރު މުވައްޒަފުން ބިނާކުރުމަށް ކުރު އަދި ދިގު މުއްދަތުގެ ގިނަ ސްކޮލަރޝިޕް ފުރުޞަތުތަކެއް ފަހިކޮށްދެވިފައިވާ ކަމަށާއި، މުވައްޒަފުންގެ ޞިއްޙަތާއި ދުޅަހެޔޮކަމުގެ އިތުރުން ހިތްހަމަޖެހޭ މަސައްކަތުގެ މާހައުލެއް ޤާއިމުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށްވެސް ފަހުމީ ވިދާޅުވިއެވެ.

ފެނާއި ނަރުދަމާގެ ޚިދުމަތަކީ ރައްޔިތުންގެ އަސާސީ ޙައްޤަކަށްވާތީ، މެދުކެނޑުމެއްނެތި މި ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ޒަމާނީ ޓެކްނޮލޮޖީއާއި އިތުރު ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް ކެނޑިނޭޅި ކުރިއަށްދާނެ ކަމުގެ ޔަޤީންކަން ވެސް ފަހުމީ ވަނީ ދެއްވާފައެވެ.

ރިއެކްޝަންސް

ކޮމެންޓް