ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމީ މަރުކަޒުތައް ގާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ބ. އޭދަފުށީގައި އިމާރާތްކުރާ އިސްލާމީ މަރުކަޒުގެ ބިންގާ އަޅައިފިއެވެ.
އެ މަރުކަޒުގެ ބިންގާ އެޅީ އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް (ރެޑްވޭވް ސަލީމް) އާއި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މުޙައްމަދު ޝުޖާއު ޢަބްދުލްޙަކީމްގެ އިތުރުން އޭދަފުށީ ކައުންސިލްގެ ރައީސް ޝާމީ އިބްރާހީމެވެ.
ދެ ބުރިއަށް އިމާރާތްކުރާ އޭދަފުށީ އިސްލާމީ މަރުކަޒަކީ އެއްފަހަރާ ގާތްގަނޑަކަށް 700 މީހުންނަށް ނަމާދު ކުރެވޭނެ މިސްކިތަކާއެކު، އިސްލާމީ ތައުލީމާއި، ދީނީ ހަރަކާތްތަކާއި، އިޖުތިމާއީ މުހިންމު ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ވަސީލަތްތައް އެކުލެވިގެންވާ ގޮތަށް ބިނާކުރާ މަރުކަޒެކެވެ.
އިސްލާމިކް މިނިސްޓްރީން ހާމަކުރި ގޮތުގައި، އޭދަފުށީގައި އިސްލާމީ މަރުކަޒެއް އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ސާސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި އެ ކުންފުންޏާއެކު ސޮއިކޮށްފައިވަނީ މިދިޔަ މާޗު މަހުގެ 18 ވަނަ ދުވަހުއެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިސްލާމީ މަރުކަޒުތައް ތަރައްގީކުރުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމީ ހިދާޔަތާއި ނޫރު ފެތުރުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މީގެކުރިން ވިދާޅުވެފައިވެއެވެ. އަދި ދީނީ ހޭލުންތެރިކަން އިތުރުކޮށް، ދީނީ އެކި ހަރަކާތްތައް ފުޅާ ދާއިރާއެއްގައި ހިންގުމަށް އެކަށީގެންވާ ޖާގަ ތަނަވަސްކޮށްދިނުމަކީ ވެސް މި މަޝްރޫއުތަކުގެ ބޭނުމެކެވެ.
މިހާރު ވެސް ރާއްޖޭގެ 10 ރަށެއްގައި އިސްލާމީ މަރުކަޒުތައް ތަރައްގީކުރުމަށް އެކި ފަރާތްތަކާ ހަވާލުކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި އޭގެ ތެރެއިން ބައެއް ރަށްރަށުގައި މިހާރު އަމަލީ މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.




