ތިލަމާލެ ބްރިޖު މަޝްރޫޢުގެ ދަށުން ވިލިމާލެއާއި ގުޅީފަޅު ގުޅުވައިދޭ ފަހު ސެގްމެންޓް ގުޅާލައިފިއެވެ.
އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްތަލިބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ތިލަމާލެ ބުރިޖު މަޝްރޫޢުގެ މުހިންމު އިތުރު މަރުޙަލާއެއް ނިމި، ވިލިމާލެއާއި ގުޅީފަޅުގެ ފަހު ސެގްމެންޓް ގުޅާލެވިފައިވާކަން އިޢުލާނުކުރައްވާފައެވެ. މި ކުރިއެރުމާ ގުޅިގެން މިނިސްޓަރު ވަނީ މަސައްކަތް ކުރާ އިންޑިއާގެ އެފްކޮންސް ކުންފުންޏަށާއި، ކޮންސަލްޓެންޓް އަރުޕް އަދި މިނިސްޓްރީގެ ޓީމަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި އިންޑިއާ ސަރުކާރުން ދެމުންދާ އެހީތެރިކަމަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅުވާލުމަށް ހިންގާ 6.74 ކިލޯމީޓަރުގެ ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓަކީ އިންޑިއާގެ 500 މިލިއަން ޑޮލަރުގެ މާލީ އެހީގައި ކުރިއަށްދާ، ރާއްޖޭގެ ތާރީޚުގައިވެސް ހިންގޭ އެންމެ ބޮޑު އުމްރާނީ ތަރައްޤީގެ މަޝްރޫޢެވެ.
މި މަޝްރޫޢުގެ މާލެ-ވިލިމާލެ ސެކްޝަންގެ ސުޕަސްޓްރަކްޗާގެ މަސައްކަތް މިދިޔަ އޯގަސްޓު މަހު ނިންމާލާފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކުރިން ވިދާޅުވެފައިވަނީ އަމާޒަކީ ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި މުޅި ބްރިޖުގެ މަސައްކަތް އެއްކޮށް ނިންމާލުން ކަމަށެވެ.



