ކޮންމެ 16 ގަޑިއިރަކުން އެއްފަހަރު ސްޓްރޯކެއް ޖެހިގެން މީހަކު ފަރުވާ ހޯދުމަށް އައިޖީއެމްއެޗް އަށް އަންނަ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
ދުނިޔޭގެ ސްޓްރޯކް ދުވަހާ ގުޅުވައިގެން އައިޖީއެމްއެޗުގެ ނާރުގެ ބަލިތަކާ ބެހޭ ޚާއްޞަ ޑޮކްޓަރު، ޑރ. ސަލްމާން ނިޒާމް ވިދާޅުވީ ސްޓްރޯކަކީ ކޮންމެ މީހަކަށްވެސް ކުއްލިއަކަށް ކުރިމަތިވެދާނެ ނުރައްކާތެރި ހާލަތެއް ކަމަށާއި، ބަލީގެ އަލާމާތްތައް ދުރާލައި ދެނެގަނެ އަވަސް ފިޔަވަޅު އެޅުމަކީ ފުރާނަ ސަލާމަތްކުރުމަށް ކޮންމެހެން ބޭނުންކަމެއް ކަމުގައެވެ. މި ބައްޔާމެދު ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން މާލޭގެ އާޓިފިޝަލް ބީޗުގައި ހިލޭ ސިއްހީ ސްކްރީނިން ހެދުމުގެ ހަރަކާތެއްވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.
ސްޓްރޯކަކީ ސިކުނޑީގެ ބަޔަކަށް ލޭދައުރުވުމަށް ހުރަސްއެޅުމުން ނުވަތަ ލޭހޮޅިއެއް ފަޅައިގެން ދިއުމުން ކުރިމަތިވާ ކަމެކެވެ. މީގެ ސަބަބުން ސިކުނޑީގެ ސެލްތަކަށް އޮކްސިޖަނާއި މުހިންމު މާއްދާތައް ނުލިބި، މަދު މިނެޓުކޮޅެއްގެ ތެރޭގައި ސެލްތައް ހަލާކުވާން ފަށައެވެ. ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި ސްޓްރޯކް ޖެހުމަށް މެދުވެރިވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ލޭމައްޗަށް ދިއުމާއި، ހަކުރުބަލި ރަނގަޅަށް ކޮންޓްރޯލް ނުވުމާއި، ކޮލެސްޓްރޯލް މަތިވުމާއި، ދުންފަތުގެ އިސްތިއުމާލުކުރުމުގެ އިތުރުން ކަސްރަތު މަދުވުން ހިމެނެއެވެ.
މި ނުރައްކާތެރި ބަލިން ރައްކާތެރިވުމަށްޓަކައި ދުޅަހެޔޮ ދިރިއުޅުމުގެ ވައްޓަފާޅިއެއް ގެންގުޅުން ނުހަނު މުހިންމެވެ. އެގޮތުން ކާނާގައި ލޮނާއި ތެޔޮ މަދުކޮށް، މޭވާއާއި ތަރުކާރީ ގިނަކުރުމާއި، ހަފުތާއަކު މަދުވެގެން 150 މިނެޓު ކަސްރަތުކުރުމަށް ސަމާލުކަންދޭންޖެހެއެވެ. އަދި ސިގިރޭޓާއި ވޭޕް ފަދަ ތަކެތި ބޭނުންކުރުން ހުއްޓާލައި، ލޭގެ ޕްރެޝަރާއި ހަކުރު އަދި ކޮލެސްޓްރޯލް ގަވާއިދުން ޗެކްކޮށް، ޑޮކްޓަރުންގެ އިރުޝާދާ އެއްގޮތަށް ފަރުވާ ހޯދުމަކީ ބަލިން ސަލާމަތްވުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ.




