ފުލުހުންގެ ސުލޫކީ މިންގަނޑާއި ޔުނީފޯމް އެޅުމުގެ މިންގަނޑުތައް އެންމެ މަތީ ދަރަޖައިގައި ހިފެހެއްޓުމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު އިލްތިމާސްކުރައްވައިފިއެވެ.
ސީޕީ މިކަމަށް އިލްތިމާސްކުރެއްވީ ކ. އަތޮޅުގެ ތިން ރަށެއް ކަމަށްވާ ގުރައިދޫ، މާފުށި އަދި ގުޅިއަށް އިއްޔެ ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެ ރަށްރަށުގެ ފުލުހުންގެ މަރުކަޒުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ބައްދަލުވުންތަކުގައި ސީޕީ ވިދާޅުވީ، ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި އަބަދުވެސް އޯގާތެރިކަމާއި ހަމަހަމަކަން އިސްކުރަންޖެހޭނެ ކަމަށެވެ. އަދި ފުލުހުންގެ އަގު ހިފެހެއްޓުމަށްޓަކައި ސުލޫކީ މިންގަނޑުތަކާއި، ޔުނީފޯމް އެޅުމުގެ ގަވާއިދުތަކަށް ފުރިހަމައަށް ބޯލެނބުމަކީ ކޮންމެހެން މުހިންމު ކަމެއްކަން ސީޕީ ފާހަގަކުރެއްވިއެވެ.
ރަށްރަށުގައި ފުލުހުންގެ އަމިއްލަ މަރުކަޒުތައް އެޅުމަށް މިހާރު ފަށާފައިވާ މަޝްރޫޢުގެ ދަށުން އެ އިމާރާތްތައް ޤާއިމުކުރެވިގެން ދިއުމުން، ފުލުހުންގެ މަސައްކަތްތަކަށާއި މުވައްޒަފުންނަށް ކުރިމަތިވާ ދަތިތަކަށް ދާއިމީ ޙައްލެއް ލިބިގެންދާނެ ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.
އަދި ރަށްރަށުގެ ރައްޔިތުން ފުލުހުންނާ ގުޅިގެން ވަރަށް ގާތުން މަސައްކަތްކުރަމުންދާކަން ފާހަގަކުރައްވައި، މިއީ ފުލުހުންގެ ޚިދުމަތް ކުރިއެރުވުމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް އަދި ފަސޭހައެއް ކަމުގައި ސީޕީ ވިދާޅުވިއެވެ.
މި ދަތުރުފުޅަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމުކޮށްފައިވާ ފުލުހުންގެ މަރުކަޒުތަކުގެ ޙާލަތު ވަޒަންކުރެއްވުމަށްޓަކައި ސީޕީ ސިލްސިލާކޮށް ކުރައްވަމުން ގެންދަވާ ޒިޔާރަތްތަކުގެ ތެރެއިން ކުރިއަށްގެންދެވި ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި ސީނިއަރ އޮފިސަރުން ބައިވެރިވެލެއްވިއެވެ.
މި ދަތުރުފުޅުގެ ތެރެއިން ސީޕީ ވަނީ ކ. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ވެސް ޒިޔާރަތްކުރައްވާފައެވެ. އެ ޒިޔާރަތުގައި މަރުކަޒުގެ އިސްވެރިންނާ ބައްދަލުކުރައްވައި، މަރުކަޒުގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ މަޢުލޫމާތު އޮޅުންފިލުއްވައި، ފުލުހުންގެ ފަރާތުން އެ މަރުކަޒަށް ބައެއް ތަކެތި ހަދިޔާކުރެއްވިއެވެ.




