ދިއްދޫ ރޯހައުސްތަކަށް 1100 އަށް ވުރެ ގިނަ މީހުން ކުރިމަތިލައިފި

ހއ. ދިއްދޫގައި އިމާރާތްކުރި 75 ރޯހައުސްއަށް އެދި 1100 އަށް ވުރެ ގިނަ މީހުން ކުރިމަތިލައިފިއެވެ.

2022 ވަނަ އަހަރު ދިއްދޫގައި އިމާރާތްކުރަން ފެށި 75 ރޯހައުސްގެ މަސައްކަތް ވަނީ މިހާރު ނިންމާލާފައެވެ. ދައުލަތުގެ މީޑިއާ ޕީއެސްއެމް އަށް މަޢުލޫމާތު ދެއްވަމުން ދިއްދޫ ކައުންސިލްގެ ރައީސް އުސްމާން ރަޝީދު ވިދާޅުވީ، އެ ރޯހައުސްތަކުގެ މަސައްކަތް ނިމިފައިވާ ކަމަށާއި ހައުސިންގ މިނިސްޓްރީން މިހާރު އެތަންތަނުގެ އިންސްޕެކްޝަން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

ދިއްދޫއަކީ ގެދޮރުވެރިކަމަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ރަށެއްކަން ފާހަގަކުރައްވާ އުސްމާން ވިދާޅުވީ، 75 ރޯހައުސްއަށްވެސް 1100 އަށް ވުރެ ގިނަ މީހުން ކުރިމަތިލާފައިވާ ކަމަށެވެ.

"މިހާރު ކުރިއަށްދަނީ މި ރޯހައުސްތަކަށް ކުރިމަތިލާފައިވާ މީހުންގެ ތެރެއިން ޝަރުތުހަމަވާ މީހުން ކަނޑައެޅުމުގެ މަސައްކަތް. މި ރަށަކީ ބޯހިޔާވަހިކަމަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ރަށެއް،" ދިއްދޫ ކައުންސިލްގެ ރައީސް އުސްމާން ރަޝީދު ވިދާޅުވިއެވެ.

ދިއްދޫގައި ކުރިއަށްގެންގޮސްފައިވާ ހައުސިންގ މަޝްރޫޢުގައި ހިމެނެނީ 700 އަކަފޫޓުގެ ދެ ބުރީގެ 75 ރޯހައުސްއެވެ. އޭގެ ތެރެއިން ކޮންމެ ޔުނިޓެއްގައި 3 ކޮޓަރިއާއި 3 ފާޚާނާއާއި ސިޓިންގ ރޫމާއި ބަދިގޭގެ އިތުރުން ކާގެއާއި ލޯންޑްރީ އަދި ސްޓޯރ ރޫމު ހިމެނެއެވެ. މި މަސައްކަތް ކޮށްފައިވަނީ އެސްޖޭ ކޮންސްޓްރަކްޝަނުންނެވެ.

ދިއްދޫގެ އާބާދީއަކީ 5000 މީހުން ނަމަވެސް، ތަޢުލީމާއި ޞިއްޙީ ފަރުވާ ފަދަ ބޭނުންތަކަށް އެ ރަށަށް ހިޖުރަކޮށްގެން ދިރިއުޅޭ މީހުންނާއެކު އާބާދީ 7000 އިން މައްޗަށް އަރައެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން 2008 ވަނަ އަހަރުވެސް އެ ރަށުގެ ބިން ހިއްކައި، 250 ރޯހައުސް އިމާރާތްކޮށް ރަށުގެ ރައްޔިތުންނަށް ދޫކުރިއެވެ. މީގެ އިތުރުން ދާދިފަހުން އެ ރަށުން ހިއްކާފައިވާ 112 ހެކްޓަރުގެ ބިމުގައިވެސް ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވެއެވެ.

ރިއެކްޝަންސް

ކޮމެންޓް