ދިވެހިރާއްޖޭގެ ބާ ކައުންސިލުން އިއްޔެ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، އަލަށް 9 ބޭފުޅަކު ޤާނޫނީ ވަކީލުކަމުގެ ހުވައިކުރައްވައި، ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ހުއްދަ ހޯއްދަވައިފިއެވެ.
އެ 9 ބޭފުޅުން ހުވައިކުރެއްވީ ވިލާ ކޮލެޖް ކެމްޕަސް ހޯލްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މިއީ މި އަހަރުގެ ތެރޭގައި ޤާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމަށްޓަކައި ބާ ކައުންސިލުން އިންތިޒާމުކުރި ހަތަރުވަނަ ރަސްމިއްޔާތެވެ.
މި ރަސްމިއްޔާތުގައި އަލަށް ހުވައިކުރެއްވި ވަކީލުންނަށް ހުވައި ލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްމާނިޢު ޙުސައިން އެވެ. އަދި ޤާނޫނީ ވަކީލުކަމުގެ ހުއްދަ އެ ބޭފުޅުންނާ ހަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުޙައްމަދު ސަލީމެވެ.
މި ބޭފުޅުން ޤާނޫނީ ފަންނާ ގުޅިވަޑައިގެންފައިވަނީ ކޮލިފައިންގ ލޯ ޑިގްރީއެއް ފުރިހަމަކުރެއްވުމަށްފަހު، މަސައްކަތުގެ ޢަމަލީ ތަޖުރިބާގެ ޕްރޮގްރާމް ނިންމަވައި، އަދި ބާ އިމްތިޙާނުން ފާސްވެގެންނެވެ.
ފަނޑިޔާރު މުޙައްމަދު ސަލީމް ދެއްކެވި ވާހަކަފުޅުގައި، ޤާނޫނީ ޢިލްމުގެ އެންމެ ހެޔޮ ބޭނުން ހިފައި، ޢަދުލު އިންޞާފު ޤާއިމުކުރުމަށާއި މުޅި މުޖުތަމަޢުގެ ލާބައަށްޓަކައި އެ ޢިލްމު ބޭނުންކުރުމަށް އިލްތިމާސް ކުރެއްވިއެވެ. އަދި ކޯޓުތަކުގެ ޙުރުމަތް ރައްކާތެރިކުރުމުގައި ވަކީލުންގެ ދައުރު ފުރިހަމައަށް އަދާކުރެއްވުމުގެ މުހިންމުކަމުގެ މައްޗަށްވެސް އަލިއަޅުއްވައިލެއްވިއެވެ.
ބާ ކައުންސިލުގެ ރައީސް އަލްއުސްތާޛު ޙުސައިން ސިރާޖް ވިދާޅުވީ، ކޮލިފައިންގ ލޯ ޑިގްރީ ޕްރޮގްރާމްތަކުގެ އިމްތިޙާނުތައް 1 ޖަނަވަރީ 2027 އިން ފެށިގެން ހަދަންޖެހޭނީ ހާޒިރުވެގެން ކަމަށެވެ. މި ބަދަލުގެ ސަބަބުން ކޯހުގެ މާއްދާތަކަށާއި، ކިޔަވައިދޭ ގޮތަށް އަދި ކޯހުގެ މުއްދަތަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ސިރާޖު ވިދާޅުވިއެވެ.
އިއްޔެ ހުއްދަ ހޯއްދެވި 9 ބޭފުޅުންނާއެކު، ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން މިހާތަނަށް 572 ފަރާތަކަށް ބާ ކައުންސިލުން ވަނީ ޤާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކޮށްފައެވެ. އަދި ރާއްޖޭގެ ޤާނޫނީ ވަކީލުންގެ ދަފްތަރުގައި ހިމެނޭ ވަކީލުންގެ ޖުމްލަ ޢަދަދު މިހާރު ވަނީ 1،985 އަށް އަރާފައެވެ.




