ޢާއިލީ ގުޅުން ބަދަހިކުރުމަށް ހުކުރު ޚުޠުބާގައި ގޮވާލައިފި

ޢާއިލީ ގުޅުންތައް ހަރުދަނާކޮށް، ރަޙިމުގެ ގުޅުން ދެމެހެއްޓުމަށާއި ދަރިންނަށް ރިވެތި ތަރުބިޔަތު ދިނުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައިފިއެވެ.

ރާއްޖޭގެ ރަށްތަކުގައި މިއަދު އިއްވި ހުކުރު ޚުޠުބާގެ މައުޟޫޢަކީ "ޢާއިލީ ގުޅުން ހަރުދަނާކުރުމުގެ މުހިންމުކަން" އެވެ.

ޚުޠުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، ކޮންމެ މުޖުތަމަޢެއްގެ ވެސް ބިންގަލަކީ ޢާއިލާއެވެ. އެހެންކަމުން ހަރުދަނާ މުޖުތަމަޢެއް ބިނާކުރެވޭނީ ޢާއިލާތައް ހަރުދަނާކުރެވިގެން ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. މިއަދު މުޖުތަމަޢުގެ އަޚުލާޤީ ފެންވަރު ދަށަށްގޮސް، ޢާއިލާތައް ރޫޅި ވިއްސިވިހާލިވަމުންދާ މައިގަނޑު ސަބަބަކީ ދަރިން ތަރުބިޔަތުކުރުމުގައި ފަރުވާކުޑަކުރެވުން ކަމަށް ވެސް ޚުޠުބާގައި ބަޔާންކުރިއެވެ.

ކޮންމެ ކުއްޖަކު ވެސް އުފަންވަނީ ފިޠުރަތުގެ ސާފުކަންމަތީގައި ކަމަށާއި، އެ ކުއްޖާގެ އަޚުލާޤާއި ސުލޫކު ބައްޓަންވަނީ މައިންބަފައިން ދޭ ތަޢުލީމާއި ތަރުބިޔަތުން ކަމަށް ޚުޠުބާގައި ހަނދާންކޮށްދިނެވެ. އެހެންކަމުން، ދަރިންނަށް ދީނީ ތަޢުލީމު ދިނުމުގެ އިތުރުން، މައިންބަފައިންނަށް ކިޔަމަންތެރިވުމާއި ގާތްތިމާގެ މީހުންނާ ގުޅުން ބަދަހިކުރަން ޅަފަތުގައި ދަސްކޮށްދިނުމަކީ ބެލެނިވެރިންގެ ވާޖިބެއް ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

ރަޙިމުގެ ގުޅުމަށް ނަންދެއްވާފައިވަނީ މާތް ﷲގެ މަތިވެރި އިސްމުފުޅު "الرَّحْمَـٰن" އާ ގުޅުވައިގެން ކަމަށް ޚުޠުބާގައި ފާހަގަކުރިއެވެ. ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ ދުނިޔެމަތީގައި ރިޒުޤު ތަނަވަސްވެ، ޢުމުރުގައި ބަރަކާތް ލެއްވުމަށް މެދުވެރިވާ ސަބަބެއް ކަމަށާއި، އެ ގުޅުން ކަނޑައިލުމަކީ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ނުރައްކާތެރި ކަމެއް ކަމަށް ވެސް ޚުޠުބާގައި ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން ކީރިތި ރަސޫލާ ﷺ ގެ ޙަދީޘްފުޅެއް ޚުޠުބާގައި ގެންނަވާފައިވެއެވެ. އެކަލޭގެފާނު ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ރަޙިމުގެ ގުޅުން ކަނޑައިލާ މީހާ ސުވަރުގެއަކަށް ނުވަންނާނެއެވެ."

ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ ވިޔަފާރި އުޞޫލުން އެކަކު ކޮށްދޭ ހެއުކަމަކަށް ބަދަލުދިނުން ނޫން ކަމަށާއި، ޙަޤީޤީ ގާތްތިމާގެކަން ދަމަހައްޓާ މީހަކީ ގުޅުން ކެނޑިގެންދާ ހިނދުގައި ވެސް އިސްނަގައިގެން އެ ގުޅުން ދަމަހައްޓާ މީހާ ކަމަށް ޚުޠުބާގައި ބަޔާންކުރިއެވެ.

ދަރިން ހެޔޮލަފާ ބައެއްގެ ގޮތުގައި ބޮޑުކުރުމަށްޓަކައި، މައިންބަފައިންނަކީ ދަރިންނަށް ރިވެތި ނަމޫނާއަކަށް ވާންޖެހޭ ކަމަށް ޚުޠުބާގައި ނަޞޭޙަތްތެރިވިއެވެ. އަދި ހަތް އަހަރު ފުރުމުން ނަމާދުކުރުމަށް އަމުރުކުރުމަށާއި، ދިހަ އަހަރުވުމުން ނަމާދަށް ފަރުވާކުޑަކޮށްފިނަމަ އަދަބުދީގެން ވެސް ނަމާދު އަދާކުރުވުމަށް އަންގަވާފައިވާ ނަބަވީ އިރުޝާދު ހަނދާންކޮށްދިނެވެ.

ޚުޠުބާ ނިންމާލަމުން ވަނީ، ޢާއިލީ ގުޅުންތަކާއި ރަޙިމުގެ ގުޅުންތައް ދަމަހައްޓައި، ގާތްތިމާގެ މީހުންނަށް ހެޔޮފޯރުވާ ބަޔަކު ކަމުގައި ވުމަށް ގޮވާލާފައެވެ.

ރިއެކްޝަންސް

ކޮމެންޓް