ކޮމަންވެލްތު ސަމިޓަށް ނައިބު ރައީސް އެންޓިގުއާ އެންޑް ބާބިއުޑާއަށް ފުރާވަޑައިގެންފި

ކޮމަންވެލްތު ޤާއުމުތަކުގެ ވެރިންގެ 28 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް މިއަދު އެންޓިގުއާ އެންޑް ބާބިއުޑާއަށް ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ، މި ދަތުރުފުޅުގައި ނައިބު ރައީސްގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ. އަދި ބައްދަލުވުމުގެ ގިނަ ދަންފަޅިތަކުގައި ބައިވެރިވެވަޑައިގެން، ނައިބު ރައީސް މުހިންމު ބަޔާންތައް އިއްވެވުމަށް ވަނީ ހަމަޖެހިފައެވެ.

"އެކްސެލެރޭޓިންގ ޕާޓްނަރޝިޕްސް އެންޑް އިންވެސްޓްމަންޓް ފޯރ އަ ޕްރޮސްޕަރަސް ކޮމަންވެލްތު" މި ޝިއާރުގެ ދަށުން ބާއްވާ މިއަހަރުގެ ބައްދަލުވުން ކުރިއަށްދާނީ ނޮވެމްބަރު މަހުގެ 1 އިން 4 ގެ ނިޔަލަށެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ މެންބަރު ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމާއި، ދެމެހެއްޓެނިވި އިންވެސްޓްމަންޓްތައް ފަހިކުރުމުގެ އިތުރުން، އެންމެންގެ ބައިވެރިވުން ހިމެނޭ އިގުތިސާދީ ކުރިއެރުމެއް ހޯދުމަށެވެ.

ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމަކީ ދުނިޔޭގެ އިގުތިސާދީ، ތިމާވެށީގެ އަދި ސަލާމަތީ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ޤައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށް ކޮމަންވެލްތުގެ ލީޑަރުން އެއްތަންވާ މުހިންމު ބައްދަލުވުމެކެވެ.

ރިއެކްޝަންސް

ކޮމެންޓް