މައްކާއަށް އަމާޒުކޮށް ހޫޘީން ފޮނުވި ޑްރޯނެއް ވައްޓާލިކަމަށް ސައުދީ ކޯލިޝަނުން ބުނެފި

ސައުދީ އަރަބިއްޔާގެ މައްކާ ސަރަޙައްދަށް އަމާޒުކޮށް ޔަމަނުގެ ހޫޘީން ފޮނުވާލި ޙަމަލާދޭ ޑްރޯނެއް ވައިގެ ތެރޭގައި ވައްޓާލާފައިވާ ކަމަށް ސައުދީ ކޯލިޝަނުން ބުނެފިއެވެ.

ސައުދީ ކޯލިޝަންގެ ތަރުޖަމާނު މޭޖަރ ޖެނެރަލް ތުރުކީ އަލް-މާލިކީ ބުނީ، މައްކާ ސަރަޙައްދަށް އަމާޒުކޮށް ހޫޘީން ފޮނުވާލި ޑްރޯން، ކޯލިޝަންގެ ވައިގެ ދިފާޢީ ބާރުތަކުން އިންޓަރސެޕްޓްކޮށް ގޮއްވާލާފައިވާ ކަމަށެވެ.

ވައިގެ ތެރޭގައި ޑްރޯން ގޮއްވާލުމުން އޭގެ ބައިތައް ވެއްޓުނު ނަމަވެސް، އެކަމުގެ ސަބަބުން އެއްވެސް ގެއްލުމެއް ލިބިފައިވާ ކަމެއް މިހާތަނަށް އެނގިފައެއް ނުވެއެވެ.

މީގެ އިތުރުން، މިއަދު ހެނދުނު ސައުދީގެ ހުޅަނގު ސަރަޙައްދަށް އަމާޒުކޮށް ހޫޘީން ފޮނުވާލި ކްރޫޒް މިސައިލެއް ވެސް ސައުދީގެ ވައިގެ ދިފާޢީ ބާރުތަކުން ވަނީ ގޮއްވާލާފައެވެ.

ސައުދީ ކޯލިޝަނުން ބުނާ ގޮތުގައި ހޫޘީންގެ މިފަދަ ހަމަލާތަކަކީ އާންމުންނަށާއި ކަމާ ގުޅުމެއް ނެތް ވަސީލަތްތަކަށް އަމާޒުކޮށް ދެމުން އަންނަ ހަމަލާތަކެވެ.

މި ހަމަލާ ދީފައިވަނީ ރިޔާޟަށް އަމާޒުކޮށް ހޫޘީން ފޮނުވާލި ދެ ބެލިސްޓިކް މިސައިލް ސައުދީއިން ވައްޓާލުމުން، އޭގެ އެތިކޮޅުތައް ވެއްޓި މީހަކަށް އަނިޔާވެ، ގެއަކަށް ގެއްލުން ލިބުނުތާ 24 ގަޑިއިރު ނުވަނީސްއެވެ.

ހޫޘީން ވަނީ ސައުދީގެ ރާސް ތަނޫރާ އަދި ރާބިޣްގައިވާ ތެޔޮ ސާފުކުރާ ކާރުޚާނާތަކަށާއި، ރިޔާޟާއި ދައްމާމުގެ އެއާޕޯޓުތަކަށް އަމާޒުކޮށް 6 ހަމަލާ ދީފައިވާ ކަމަށް ބުނެފައެވެ.

ރިއެކްޝަންސް

ކޮމެންޓް