ބޭސްފަރުވާއަށް އިންޑިއާގެ ޓްރިވެންޑްރަމަށް ގޮސް އުޅެނިކޮށް ގެއްލުނު ދިވެހި މީހާ، 24 ގަޑިއިރަށް ވުރެ ގިނައިރު ފަހުން މިއަދު ފެނިއްޖެއެވެ.
ގެއްލިގެން ހޯދަމުން ދިޔައީ ރ. މީދޫ، އަތަމާގެ އަލީ އިބްރާހިމް (އައްޔަބެ) އެވެ.
އައްޔަބެ ފެނިފައިވާ ކަމަށާއި، އޭނާގެ ހާލު ރަނގަޅު ކަމަށް އާއިލާއިން ވަނީ ހާމަކޮށްފައެވެ. އޭނާ ފެނިފައިވަނީ މަގުމަތީގައި އިށީނދެ އިންދާ ކަމަށް އެކަމުގެ މަޢުލޫމާތު އެނގޭ ފަރާތަކުން ބުނެފައިވެއެވެ.
އަލީ އިބްރާހިމް ގެއްލުނީ އިއްޔެ ފަތިހު 5:30 ހާއިރު ކަސްރަތަށް ހިނގަން ނުކުތް ގޮތަށެވެ. ހިނގަން ނުކުތް މީހާ އެނބުރި ގެޔަށް ނައިސް ލަސްވުމުން، އާއިލާއިން އޭނާ ހޯދުމުގެ މަސައްކަތް ފަށާފައިވަނީ އިއްޔެ ހެނދުނު 9:00 ހާއިރުއެވެ.
އާއިލާއިން ވަނީ އައްޔަބެ ހޯދުމުގައި އެހީތެރިކަން ފޯރުކޮށްދިން ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ.
ޓްރިވެންޑްރަމަކީ ގިނަ އަދަދެއްގެ ދިވެހިން ބޭސްފަރުވާއަށް ގޮސް އުޅޭ ސިޓީއެކެވެ.




