އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން، ރާއްޖޭގެ 3 ރަށެއްގެ ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމާ ގުޅޭ ފަހުމުނާމާއެއްގައި ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމަކީ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" (އެޗް.އައި.ސީ.ޑީ.ޕީ) ގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވާފައިވަނީ ޚާރިޖީ ވުޒާރާގައެވެ. ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ. ބާލަސުބްރަމާނިއަން އެވެ. މަޝްރޫޢު ތަންފީޒުކުރާ މުއައްސަސާގެ ހައިސިއްޔަތުން ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވީ، ރަށްރަށުގައި ފިޓްނަސް އަދި ކުޅިވަރުގެ ވަސީލަތްތައް ފުޅާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހަމަހަމަ ތަރައްޤީއާއި ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމުގެ ވަޢުދުފުޅާ އެއްގޮތްވާ ކަމެއް ކަމަށެވެ.
މި އަހަރުގެ ޖުލައި މަހު 42 ރަށަކަށް މިފަދަ އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގެ ދަށުން މިހާރުވެސް ޢަމަލީ މަސައްކަތްތައް ކުރިއަށްދާކަން ފާހަގަކުރައްވައި، މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ސަބަބުން އިތުރު 3 ރަށަކަށް މި ފުރުޞަތު ފަހިވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވީ، މި ސެންޓަރުތަކުގެ ސަބަބުން ކަސްރަތު ކުރުމަށާއި މުނިފޫހިފިލުވުމަށް އަދި މުޖުތަމަޢުގެ އެއްބައިވަންތަކަން އާލާކުރުމަށް ފަސޭހަ މާޙައުލެއް ޤާއިމުވެގެންދާނެ ކަމަށެވެ. އަދި ހުރިހާ ޢުމުރުފުރައެއްގެ މީހުންނަށް، ޚާއްޞަކޮށް އަންހެނުންނާއި ޒުވާނުންނަށް ކުޅިވަރާއި ކަސްރަތުގެ ދާއިރާއިން އިތުރު ފުރުޞަތުތައް ފަހިވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖެއަށް އިންޑިއާ ސަރުކާރުން ދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި ދެ ވަޒީރުންވެސް ވަނީ ޝުކުރު އަދާކުރައްވާފައެވެ. ޚާރިޖީ ވަޒީރު އިރުތިޝާމް ވަނީ ހާއްސަކޮށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި، ޚާރިޖީ ވަޒީރު ޑރ. އެސް. ޖައިޝަންކަރާއި، ސަފީރު ބާލަސުބްރަމާނިއަން އަދި އެމްބަސީގެ ޓީމުން ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް ކުރައްވާ މަސައްކަތްޕުޅުތަކަށް ޝުކުރު އަދާކުރައްވާފައެވެ.




