ވަކި ދީނެއްގެ ބަޔަކާ ދެކޮޅަށް އަމަލުކުރުމާއި އިގުތިޞާދަށް ގެއްލުންހުރި އަމަލުތައް ކުރުން ކުށަކަށް ހެދޭ ގޮތަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު އަނބުރާ ގެންގޮސްފިއެވެ.
ރާއްޖޭން ބައިވެރިވެފައިވާ ޖެނޮސައިޑް ކޮންވެންޝަނާ އެއްގޮތަށް ގަތުލުއާންމު ހިންގުން ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ޢަބްދުﷲ ރިފާޢު (ބޮޗޭ) ހުށަހެޅުއްވި މި ބިލު އަނބުރާ ގެންގޮސްފައިވަނީ، އިތުރަށް ބަލަންޖެހޭ ކަންކަން ހުރުމުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މީގެ ކުރިން ދެ ފަހަރެއްގެ މަތިން މަޖިލީހުގެ އެޖެންޑާގައި ހިމެނުމަށްފަހުވެސް މި ބިލުގެ މަސައްކަތް ވަނީ އުނިކޮށްފައެވެ.
މި ބިލުގައި ގާނޫނުލްއުގޫބާތުގެ 140 ވަނަ ބާބުގެ ފަހަތަށް މާއްދާއެއް އިތުރުކޮށް، ވަކި ގައުމަކަށް، ނަސްލަކަށް ނުވަތަ ދީނަކަށް ނިސްބަތްވާ ޖަމާއަތަކަށް އަނިޔާދިނުން ފަދަ ގަތުލުއާންމުގެ އަމަލުތަކާއި، އިގުތިޞާދީ މުހިންމު އުމްރާނީ ވަސީލަތްތަކަށް ގެއްލުންދިނުން ޖިނާއީ ކުށަކަށް ހެދުން ހިމެނެއެވެ. މި ބިލަކީ ރަސްމާލެ މަޝްރޫއާ ގުޅިގެން އަމާޒުވާ ފާޑުކިޔުންތައް ހުއްޓުވަން ހުށަހެޅި ބިލެއް ކަމަށް އާންމުން ތުހުމަތުކުރި ނަމަވެސް، ބަންޑާރަނައިބު އަޙްމަދު އުޝާމް ވަނީ އެއީ ބައިނަލްއަގުވާމީ މުއާހަދާއަކުން ލާޒިމުކުރާތީ ގާނޫނުލްއުގޫބާތަށް ގެންނަން ހުށަހެޅި އިސްލާހެއް ކަމަށް ވިދާޅުވެފައެވެ.




