ޙައްޖު ކޯޕަރޭޝަންގެ އަންނަ އަހަރުގެ ޢުމްރާ ކަލަންޑަރު އާންމުކޮށްފި

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޢުމްރާ ދަތުރުތަކުގެ ކަލަންޑަރު އާންމުކޮށް، ރަޖިސްޓްރީވުމަށް ހުޅުވާލައިފިއެވެ.

ޙައްޖު ކޯޕަރޭޝަނުން ބުނީ އަންނަ އަހަރުގެ ޢުމްރާ ދަތުރުތައް ޕްލޭންކޮށްފައި ވަނީ ދިރާސީ އަހަރުގެ ކަލަންޑަރަށް ރިޢާޔަތްކޮށް، ސްކޫލް ބޮޑު ޗުއްޓީތަކާއި އާއިލާތަކަށް ފަސޭހަވާނެ ދުވަސްވަރުތަކާ ދިމާކޮށް ކަމަށެވެ. އަންނަ އަހަރަށް ރާވާފައިވާ ޢުމްރާތަކުގެ ތެރޭގައި ރަމަޟާން މަހުގެ ޢުމްރާގެ އިތުރުން ޖުލައި، ސެޕްޓެމްބަރު އަދި ޑިސެމްބަރު މަހުގެ ޢުމްރާ ހިމެނެއެވެ.

ޢުމްރާ ޕެކޭޖުތަކުގެ އަގުތަކަށް މި އަހަރާ އަޅާބަލާއިރު އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ. އެގޮތުން ޖުލައި އަދި ސެޕްޓެމްބަރު މަހުގެ ޢުމްރާ ޕެކޭޖުގެ އަގަކީ 30،965 ރުފިޔާއެވެ. ޑިސެމްބަރު މަހުގެ ޢުމްރާ ޕެކޭޖުގެ އަގަކީ 31،965 ރުފިޔާއެވެ.

އަންނަ ރަމަޟާން މަހުގެ ފަހު ފަނަރައިގެ ޢުމްރާއަށް މާލޭގެ އިތުރުން އައްޑޫ ސިޓީ ގަމުން ސީދާ ޖިއްދާއަށް ފްލައިޓު ބޭއްވުމަށް ވަނީ ނިންމާފައެވެ. ކުރިއަށް އޮތް ތަނުގައި ބޮޑެތި ޗުއްޓީތަކާ ދިމާކޮށް ބާއްވާ ޢުމްރާތަކުގައި ވެސް ގަމުން ސީދާ ޖިއްދާއަށް ދަތުރުތައް ބޭއްވުމަކީ ކޯޕަރޭޝަންގެ އަމާޒެކެވެ.

މީގެ އިތުރުން، ކޯޕަރޭޝަންގެ ހަވާލުގައި ޢުމްރާއަށްދާ ފަރާތްތަކަށް އެއްވެސް އިތުރު އަގަކާ ނުލައި، އެމީހަކު ހުރި ރަށަކާ އެންމެ ކައިރިން ވެކްސިން ލިބެންހުރި ޞިއްޙީ މަރުކަޒަކުން ވެކްސިން ޖެހުމުގެ އިންތިޒާމު ވެސް ވަނީ ހަމަޖައްސައިދީފައެވެ.

ޢުމްރާ ދަތުރުތަކުގައި ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި ރާއްޖެއިން ޖިއްދާއަށް ސީދާ ދަތުރުކުރާ ޑައިރެކްޓް ފްލައިޓާއި، ފެންވަރު ރަނގަޅު ހޮޓާތަކުގައި ތިބުމާއި، ޢުމްރާ ކިޓް ހިލޭ ދިނުން ހިމެނެއެވެ. އަދި މަދީނާގައި ހޭދަކުރާ 3 ރޭގެ އިތުރުން، މައްކާއިން މަދީނާއަށް ހައިސްޕީޑް ރޭލުގައި ދަތުރުކުރުމާއި، ލޯންޑްރީ ޚިދުމަތްވެސް ހިމެނެއެވެ.

ޞިއްޙީ ގޮތުން ދިވެހި ޑޮކްޓަރުންނާއި ނަރުހުން ހިމެނޭ ކްލިނިކާއި ފާމަސީގެ ޚިދުމަތުގެ އިތުރުން، ޢުމްރާވެރިންގެ ރައްކާތެރިކަމަށް ލޮކޭޝަން ޓްރެކިންގ ޑިވައިސް އަދި ބަގީގެ ޚިދުމަތްވެސް ފޯރުކޮށްދޭނެއެވެ.

ކޮންމެ ދަތުރަކަށްވެސް ފުރުޞަތު އޮންނާނީ ކަނޑައެޅިފައިވާ ވަކި ޢަދަދަކަށް ކަމުން، ޖާގަ ކަށަވަރުކުރުމަށްޓަކައި ކޯޕަރޭޝަންގެ "ފަހެލި" ޕޯޓަލް ނުވަތަ ވެބްސައިޓް (hajj.mv) މެދުވެރިކޮށް ވީހާވެސް އަވަހަކަށް ރަޖިސްޓްރީވުމަށް ޙައްޖު ކޯޕަރޭޝަނުން ވަނީ އެދިފައެވެ.

ރިއެކްޝަންސް

ކޮމެންޓް