ޗައިނާއާއެކު އިގުތިސާދީ ގުޅުން ބަދަހިކުރަން މުހިންމު ފުރުސަތުތަކެއް އެބަހުރި: ސައީދު

ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ވިޔަފާރިއާއި އިންވެސްޓްމަންޓް އަދި އިގުތިސާދީ ގުޅުން ބަދަހިކުރުމަށް މުހިންމު ފުރުސަތުތަކެއް އެބަހުރި ކަމަށާއި، ޚާއްސަކޮށް މަސްވެރިކަމާއި، ދަނޑުވެރިކަމާއި، އައު ޓެކްނޮލޮޖީ އަދި ޑިޖިޓަލް މާލީ ޚިދުމަތްތަކުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރެވިދާނެ ކަމަށް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މާލޭގައި މިއަދު ފެށި "ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް 2026" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވީ، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އިގުތިސާދީ އަދި ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މުހިންމު ފުރުސަތުތަކެއް އެބަހުރި ކަމަށެވެ. 

މިނިސްޓަރ ސައީދު ފާހަގަކުރެއްވި ގޮތުގައި، ދެ ގައުމުގެ ބާޒާރުތަކަށް ފަސޭހައިން ވަދެވޭނެ މަގު ތަނަވަސްކޮށް ވިޔަފާރިތައް ފުޅާކުރުމަކީ މިވަގުތު އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭ ކަންތައް ކަމަށެވެ. އަދި މި ފޯރަމަކީ ޗައިނާގެ ޒަމާނީ ޓެކްނޮލޮޖީއާއި އުފެއްދުންތައް ދައްކާލުމުގެ އިތުރުން، ރާއްޖޭގެ ތަރައްގީގެ އަމާޒުތަކަށް އެހީތެރިވެދެވޭނެ ދާއިރާތައް ދެނެގަތުމަށް ލިބުނު ފަހި ޕްލެޓްފޯމެއް ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖޭގެ އުމްރާނީ ތަރައްގީއަށް ޗައިނާއިން ވެދީފައިވާ އެހީތެރިކަމަށް އަލިއަޅުވާލައްވަމުން، ސިނަމާލެ ބްރިޖާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަކީ ދިވެހިންނަށް ދިގު މުއްދަތުގެ ބޮޑެތި މަންފާތަކެއް ލިބިގެންދިޔަ މަސައްކަތްތަކެއްގެ ގޮތުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ. މީގެއިތުރުން، 1 ޖެނުއަރީ 2025 ގައި އަމަލުކުރަން ފެށި "ޗައިނާ-މޯލްޑިވްސް ފްރީ ޓްރޭޑް އެގްރީމަންޓް" (އެފްޓީއޭ) ގެ ބޭނުން ހިފައިގެން ވިޔަފާރީގެ އައު ގުޅުންތައް ގާއިމުކުރުމުގެ މުހިންމުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފަތުރުވެރިކަމަކީ ދެ ގައުމުގެ އިގުތިސާދީ ގުޅުމުގެ މައި ތަނބުކަން ފާހަގަކުރައްވައި، ވައިގެ ދަތުރުފަތުރު ހަރުދަނާކޮށް ޗައިނާގެ ޓްރެވަލް އިންޑަސްޓްރީއާ ގާތް ގުޅުމެއް ބޭއްވުމަށް މިނިސްޓަރ ގޮވާލެއްވިއެވެ. އަދި 2024 ވަނަ އަހަރު ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގްގެ ޒައާމަތުގައި ދެ ގައުމުގެ ގުޅުން "ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕާޓްނާޝިޕް" އަކަށް މަތިކުރެވިފައިވާކަން ހަނދާން އައުކުރައްވަމުން، ފޯރަމްගේ ބައިވެރިންނަށް ވަނީ ދެފަރާތަށް ފައިދާހުރި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ދައުވަތު ދެއްވާފައެވެ.

ރިއެކްޝަންސް

ކޮމެންޓް