ހޯމްސްކޫލިންގެ ނަމުގައި ޒުވާން ޖީލު މަގުފުރައްދަން ފުރުސަތު ދީގެން ނުވާނެ: ނަޝީދު

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ، ހޯމްސްކޫލިން ތަޢާރަފްކުރުމުގެ ބިލާ ގުޅިގެން ކުރީގެ ރައީސް އަދި އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އެ ބިލަށް މަޖިލީހުގައި ބަހުސްކުރަމުން އަންނައިރު، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، މިހާރުވެސް 4،000 އަށްވުރެ ގިނަ ކުދިން ގަވާއިދުން ސްކޫލަށް ނުދާ ކަމަށެވެ.

"ހޯމްސްކޫލިންގެ ނަމުގައި ރާއްޖޭގެ ޒުވާން ޖީލު މަގުފުރައްދައި، ހަލާކުކުރުމުގެ ފުރުސަތު ދީގެން ނުވާނެ،" ނަޝީދު ލިޔުއްވާފައިވެއެވެ.

ތަޢުލީމުގެ ޤާނޫނަށް ދެވަނަ އިޞްލާޙު ގެނައުމުގެ މި ބިލު، ވެރިކަންކުރާ ޕީއެންސީގެ ފަރާތުން ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމެވެ. ބިލުގެ ފުރަތަމަ ކިޔުން ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ވަނީ އިއްވައިފައެވެ.

ބިލުގައިވާ ގޮތުން، ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމެއް ނުވަތަ އެނޫންވެސް ޚާއްޞަ ޙާލަތެއްގެ ސަބަބުން ސްކޫލަށް ހާޒިރުވެގެން ތަޢުލީމު ހާސިލުކުރަން ނުކުޅެދޭ ކުދިންނަށް، ކުއްޖާ ދިރިއުޅޭ ގޭގައި ހޯމްސްކޫލިން ޕްރޮގްރާމްގެ ދަށުން މަދަރުސީ ތަޢުލީމު ފުރިހަމަކުރެވިދާނެއެވެ. އެ ފުރުޞަތު ދެވޭނީ ކުއްޖާގެ ނުކުޅެދުންތެރިކަން ނުވަތަ ނަފްސާނީ ހާލަތަށް ބަލައި ހެދޭ އެސެސްމަންޓެއްގެ މައްޗަށް ބިނާކޮށެވެ.

ހޯމްސްކޫލިން ޕްރޮގްރާމްގެ ދަށުން ތަޢުލީމު ފޯރުކޮށްދެވޭނީ، ކުއްޖާގެ ބެލެނިވެރިންނަކީ އެކަމުގެ މާލީ ޤާބިލުކަން ހުރި ފަރާތްތަކަކަށް ވެ، ކުއްޖާ ސްކޫލެއްގައި ރަޖިސްޓަރީވެފައިވާނަމައެވެ.

މީގެ އިތުރުން، ނުކުޅެދުންތެރިކަމުގެ ސަބަބުން ސްކޫލަށް ހާޒިރުވެގެން ނުވަތަ ހޯމްސްކޫލިން ޕްރޮގްރާމްގެ ދަށުންވެސް ތަޢުލީމު ހާސިލުކުރަން ނުކުޅެދޭ ކުދިންނަކީ، މަޖުބޫރު ތަޢުލީމު ލާޒިމުވާނެ ކުދިންނެއް ނޫން ކަމަށް ބިލުގައި ބުނެފައިވެއެވެ. ނަމަވެސް، އެފަދަ ކުދިންނަށް ނުކުޅެދުންތެރިކަމާ އެކަށޭނަ ގޮތަކަށް އުނގަންނައިދިނުމަށް ބެލެނިވެރިން މަސައްކަތްކުރަން ޖެހޭނެއެވެ.

ބިލުގެ އިބްތިދާއީ ބަހުސްގައި ގިނަ މެންބަރުން ވަނީ ބިލަށް ތާއީދުކުރައްވާފައެވެ. ޑރ. އަނާރާ ވިދާޅުވީ، މިއީ އެއްވެސް ކުއްޖަކު ބާކީނުކޮށް، ހުރިހާ ކުދިންގެ ޙައްޤުތައް ކަށަވަރުކޮށްދިނުމަށް ދައުލަތުން ގެންގުޅޭ ދުރުވިސްނުމުގެ ހެއްކެއް ކަމަށެވެ.

ހޯރަފުށީ ދާއިރާގެ މެންބަރު ޢަލީ މޫސާ ވިދާޅުވީ، ބިލުގައިވާ ހޯމްސްކޫލިންގެ ފުރުޞަތަކީ ހަމައެކަނި ޚާއްޞަ އެހީއަށް ބޭނުންވާ (ސެން) ކުދިންނަށް އޮތް ފުރުޞަތެއް ކަމަށާއި، ބިލުގެ އެއްވެސް މާއްދާއެއްގައި ހަރުކަށި ފިކުރާ ގުޅޭ އެއްވެސް ކަމެއް އެކުލެވިގެން ނުވާނެ ކަމަށެވެ.

ސްޓެޓިސްޓިކްސް ބިއުރޯއިން މިދިޔަ އަހަރުގެ މެއި މަހު ނެރުނު ތަފާސްހިސާބުގައި ވަނީ، ސްކޫލަށް ދެވޭ އުމުރުފުރާގެ ކުޑަކުދިންގެ ތެރެއިން ކިޔަވަނީ 91 ޕަސެންޓް ކުދިން ކަމަށެވެ. 2022 ގެ ބޯހިމެނުމަށް ބިނާކޮށް އެކުލަވާލި އެ ތަފާސްހިސާބާ ގުޅިގެން، އޭރު އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީޢު ވަނީ ސްކޫލަށް ނުދަނީ 229 ކުދިން ކަމަށް ވިދާޅުވެފައެވެ.

މި އަހަރުގެ ޖުލައި މަހު ޝަފީޢު ވަނީ، އެއްވެސް ސަބަބެއް ނެތި ދަރިވަރުން ސްކޫލަށް ނުދިއުން ބަލައިނުގަނެވޭ ކަމަށާއި، މިނިސްޓްރީން އެކަމަށް ފިޔަވަޅު އަޅާނެ ކަމަށް އިންޒާރުދެއްވާފައެވެ.

ރިއެކްޝަންސް

ކޮމެންޓް