ގަރާރަށް ބަހުސްކުރުމުގެ ކުރިން ވޯޓަށް އަހާ ގޮތަށް މަޖިލީހުން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ގަރާރުތަކަށް ބަހުސްކުރުމުގެ ކުރިން، އެ ގަރާރެއް ބަލައިގަތުމާ މެދު ވޯޓަށް އަހަންޖެހޭ ގޮތަށް މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހު މިއަދު މަޖިލީހުން ފާސްކޮށްފިއެވެ.

މަޖިލީހުގެ ގަވާއިދުގެ 191 ވަނަ މާއްދާއަށް މި އިސްލާހު ހުށަހެޅުއްވީ ވެރިކަން ކުރާ ޕީއެންސީއަށް ތާއީދުކުރައްވާ، ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލްހަންނާން އަބޫބަކުރެވެ. އެ އިސްލާހު ފާސްކުރީ ޖަލްސާގައި ތިއްބެވި 68 މެމްބަރުންގެ ތެރެއިން ޕީއެންސީގެ 56 މެމްބަރުން ވޯޓު ދެއްވައިގެންނެވެ. އިދިކޮޅު އެމްޑީޕީގެ 10 މެމްބަރުންނާއި އައްޑޫ މީދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުއްރަހްމާނާއެކު 11 މެމްބަރުން ވޯޓު ދެއްވީ އެ އިސްލާހާ ދެކޮޅަށެވެ.

ގަވާއިދުގެ 191 ވަނަ މާއްދާގައި ކުރިން އޮތް ގޮތުން، ގަރާރެއް ހުށަހެޅުމާ އެކު މެމްބަރުންނަށް އޭގެ އިބްތިދާއީ ބަހުސްކުރުމުގެ ފުރުސަތު ލިބެއެވެ. އަދި ގަރާރު ބަލައިގަތުމާ މެދު ގޮތެއް ނިންމަން ވޯޓު ނަގަނީ ބަހުސް މަރުހަލާ ނިމުމުންނެވެ.

ނަމަވެސް އަލަށް ގެނައި އިސްލާހުގެ ދަށުން، ގަރާރުގެ އިބްތިދާއީ ބަހުސް ފެށުމުގެ ކުރިން ގަރާރު ބަލައިގަންނަން ފެނޭތޯ ވޯޓަށް އަހާނެއެވެ. ބަލައިގަންނަން ފާސްވެއްޖެނަމަ، އިބްތިދާއީ ބަހުސް ކުރުމަށްފަހު ގަރާރު ދަތުރުކުރާނީ އެ ގަރާރާ ގުޅޭ ކޮމިޓީއަށެވެ. ބަލައިގަންނަން ފާސްނުވެއްޖެނަމަ، ބަހުސްކުރުމުގެ އެއްވެސް ފުރުސަތެއް ނުލިބި އެ ގަރާރު ވަގުތުން ބާތިލުވާނެއެވެ.

މީގެ އިތުރުން، މަޖިލީހަށް ކުރިން ހުށަހެޅިގެން ކުރިއަށްދާ ގަރާރެއްގެ މައުލޫއަކަށް ދެން ގަރާރެއް ހުށައެއް ނޭޅޭނެއެވެ.

މިއަދުގެ ޖަލްސާގައި މި އިސްލާހަށް ބަހުސްކުރުމުގެ ތެރެއިން، ވޯޓުގެ ކުރިން ބަހުސްކުރުމުގެ ފުރުސަތު ނުލިބޭ ގޮތަށް އޮތް ބައި އުނިކުރަން ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އިސްލާހެއް ހުށަހެޅުއްވިއެވެ. ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ތާއީދުކުރެއްވި އެ އިސްލާހު، ޕީއެންސީގެ 55 މެމްބަރުންގެ ވޯޓުން ވަނީ ބޭރުކޮށްލައިފައެވެ.

މި ބަދަލާ މެދު އެމްޑީޕީގެ މެމްބަރުން ކަންބޮޑުވުން ފާޅުކުރެއްވުމުން، ޕީއެންސީގެ މެމްބަރުން ވިދާޅުވީ އިދިކޮޅުން ހުށަހަޅަނީ ބޭކާރު ގަރާރުތަކެއް ކަމަށާއި އެކަން ހުއްޓުވަން ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ. މަޖިލީހުގައި ވެރިކަން ކުރާ ޕީއެންސީގެ 74 މެމްބަރުން ތިއްބަވާއިރު، އެމްޑީޕީގެ މެމްބަރުން ތިއްބަވަނީ 13 މެމްބަރުންނެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ދުނިޔޭގެ އެހެން ގާނޫނު ހަދާ މަޖިލިސްތަކުގައި ކަންތައްތައް ހިނގާ ގޮތް ބަލައި، ރާއްޖޭގައި ވެސް ރައްޔިތުންގެ މަޖިލީހުގެ ބައެއް ކަންތައްތަކަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ.

ރިއެކްޝަންސް

ކޮމެންޓް