މާލެ ސިޓީގެ މަގުތައް ތޮއްޖެހުން ކުޑަކުރުމަށްޓަކައި، އުޅަނދުފަހަރު ޕާކުކުރުން ހުއްދަވާނެ، މަނާވާނެ އަދި އަގު ނެގޭނެ ސަރަހައްދުތައް ސާފުކޮށް ބަޔާންކުރާ އައު އޮނިގަނޑެއް އެކުލަވާލައި، އެ ޕްލޭނަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު މާލެ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.
ޔުނައިޓެޑް ނޭޝަންސް އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޮ އޭޝިއާ އެންޑް ދަ ޕެސިފިކް (އެސްކެޕް) ގެ ފަންނީ އެހީތެރިކަމާއެކު އެކުލަވާލައި ސިޓީ ކައުންސިލްގެ ވެބްސައިޓުގައި އާންމުކޮށްފައިވާ މި އޮނިގަނޑުގެ ދަށުން، ވަކި ސަރަހައްދުތަކަކާއި ވަގުތުތަކަށް ބަލައި އަގު ކަނޑައަޅައި، ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ފަސޭހައިން ފައިސާ ދެއްކޭނެ އިންތިޒާމު ގާއިމުކުރެވޭނެއެވެ. ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށްދާ މި މަސައްކަތުގެ ދަށުން އެންމެ ފުރަތަމަ އަގު ނަގަން އިސްކަންދޭނީ ހީނާމާގެ ޕާކިން ސަރަހައްދު ކައިރިން މަޖީދީމަގު، ވެލާނާގެއާއި ހޮޓެލް ޖެން ދެމެދުން އަމީރު އަހުމަދު މަގު، އަދި އައިޖީއެމްއެޗް ނުވަތަ ވިލިގިލީ ފެރީ ޓާމިނަލް ސަރަހައްދުން ގިނަ ވަގުތަށް ޕާކުކުރާ ތަންތަނުންނެވެ. އަދި 25 މަސްދުވަހުގެ ތެރޭގައި މަގުމަތީގެ ބަދަލުގައި ބޭނުންކުރެވޭނެ އޮފް-ސްޓްރީޓް ޕާކިން އިތުރުކުރުމާއި، އަލަށް ތަރައްގީކުރާ އިމާރާތްތަކުގައި ޕާކިން ވަސީލަތްތައް ހިމެނުން ލާޒިމުކުރަން ވަނީ ރޭވިފައެވެ.
ސިޓީ ކައުންސިލުން ވިދާޅުވި ގޮތުގައި، ހަ މަސްދުވަހުގެ ތެރޭގައި ތަންފީޒީ މަރުހަލާ ނިންމަން އަމާޒުހިފާފައިވާ މި ޕްލޭނަށް ޚިޔާލު ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން އީމެއިލްގެ ސަބްޖެކްޓަށް "ޑިކޮންޖެންޝަން ފީޑްބެކް" ޖެހުމަށްފަހު، އަންނަ ހަފުތާގެ އަންގާރަ ދުވަހުގެ ކުރިން secretariat@malecity.gov.mv އަށް އީމެއިލް ކުރަންޖެހެއެވެ. މި މަހު އަމަލުކުރަން ފެށި އެއްގަމު ދަތުރުފަތުރުގެ ގާނޫނުގައިވެސް ޕާކިން މީޓަރު ހަރުކޮށްގެން ފީ ނެގުމުގެ އިޚުތިޔާރު ދީފައިވެއެވެ.




