ހިމަންދޫ ބަނދަރުގެ ނެރު ތަރައްޤީކުރުމުގެ ސައިޓް ތައްޔާރުކުރަން ފަށައިފި

އއ. ހިމަންދޫ ބަނދަރުގެ ނެރު ތަރައްޤީކޮށް ފުންކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން، ސައިޓް ތައްޔާރުކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.

މި މަޝްރޫޢަކީ ދައުލަތުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ހިންގާ މަޝްރޫޢެކެވެ. ދައުލަތުގެ ބަޖެޓުން 27.5 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މި މަޝްރޫޢު، 390 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވެއެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ މަސައްކަތް މިހާރު އޮތީ ފުރަތަމަ މަރުޙަލާގައި ކަމަށެވެ. އެގޮތުން މިހާރު ކުރިއަށްދަނީ ބޮޑެތި މެޝިނަރީތައް ގެންދިއުމަށް ސައިޓް ޤާއިމުކުރުމާއި ސައިޓް އޮފީސް ހެދުމުގެ އިތުރުން، ސަރވޭކޮށް މަސައްކަތުގެ ސަރަޙައްދުގެ ބައުންޑަރީތައް ކަނޑައެޅުމުގެ މަސައްކަތެވެ.

މި މަރުޙަލާ ނިމުމުން، ޚާއްޞަ ކޮނުމުގެ ވަސީލަތްތަކާއި އެކްސްކަވޭޓަރުތައް ބޭނުންކޮށްގެން ނެރު ފުންކުރުމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

މި މަޝްރޫޢުގެ ދަށުން ބަނދަރުގެ ނެރު ކޮނެ ފުންކުރުމާއި، ނެރުބައްތި ހަރުކުރުމާއި، ނެރު ސަރަޙައްދަށް ވެލި އަރައި ތިލަވުން ހުއްޓުވުމަށް ބޭރުތޮށީގެ އޮނިގަނޑަށް ބަދަލުތައް ގެނައުން ހިމެނެއެވެ.

މި މަޝްރޫޢުގެ މައިގަނޑު ބޭނުމަކީ ހިމަންދޫ ފަޅަށް ވަދެނިކުތުމުގައި ބޮޑެތި އުޅަނދުފަހަރާއި ލޯންޗު އަދި މަސްދޯނިފަހަރަށް ދިމާވާ ދަތިތަކަށް ދާއިމީ ޙައްލެއް ހޯދައިދިނުމެވެ. ނެރު ހެދުމުން ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.

ރިއެކްޝަންސް

ކޮމެންޓް