32,000 ރުފިޔާގެ ސްކޭމްގެ މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފި

އޮންލައިންކޮށް ހިންގި 32,000 ރުފިޔާގެ ސްކޭމްގެ މައްސަލައަކާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައަކީ ވަޓްސްއެޕް މެދުވެރިކޮށް ވާހަކަދައްކައި، މަކަރާއި ހީލަތުން ފައިސާ އަތުލާފައިވާ ކަމަށް ބުނެ މިމަހުގެ 13 ވަނަ ދުވަހު ހުށަހެޅި މައްސަލައެއް ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހ. ވެލަސްފަރުގެ / މާލެ، ޙުސައިން ސާމިރު (40އ) އާއި، ދަފްތަރު. ނަންބަރު ރސ 6007 / މާލެ، މުޙައްމަދު ރީޙާން (33އ) އާއި، ޖޯޖެޑްވިލާ / މާލެ، އަޙްމަދު ސުޖާއު (46އ) އެވެ.

ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޙުސައިން ސާމިރާއި އަޙްމަދު ސުޖާއު 15 ދުވަހަށް އަދި މުޙައްމަދު ރީޙާން ހަތް ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި، އޮންލައިން މެދުވެރިކޮށް ފޮނުވާ ގޮތް ނޭނގޭ ލިންކުތަކަށް ނުވަނުމަށާއި، އޯޓީޕީ ކޯޑު ހިއްސާނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އޮންލައިންކޮށް ވިޔަފާރިކުރުމާއި ފައިސާގެ މުއާމަލާތްތައް ހިންގުމުގައި، މުއާމަލާތުކުރެވޭ ފަރާތުގެ ސައްހަކަން ކަށަވަރުކުރުމަށާއި، ޒާތީ މައުލޫމާތާއި ބޭންކިންގ ތަފުސީލުތައް އެހެން ފަރާތްތަކާ ހިއްސާނުކުރުމަށްވެސް ފުލުހުން އެދެއެވެ.

މަކަރާއި ހީލަތުގެ އަމަލެއް ފާހަގަކުރެވިއްޖެނަމަ ލަސްނުކޮށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ހޮޓްލައިން ނަމްބަރު 3322111 އަށް ގުޅުމަށް ނުވަތަ ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރަށް ރިޕޯޓުކުރުމަށް ފުލުހުން އެދެއެވެ.

ރިއެކްޝަންސް

ކޮމެންޓް