ރަސްމާލެ މަޝްރޫޢާއެކު 300 އަށްވުރެ ގިނަ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުޅާވެގެންދާނެ: އީވެލިއުސާވް

ރަސްމާލޭގައި ތަރައްޤީކުރާ އީގަލް ހިލްސްގެ ވޯޓާ ފްރަންޓާއި މެރީނާއާއެކު 300 އަށްވުރެ ގިނަ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުޅާވެގެންދާނެ ކަމަށް އެ މަޝްރޫޢުގެ "އިކޮނޮމިކް އިންޕެކްޓް އެސެސްމެންޓް" ހެދި އީވެލިއުސާވް ކުންފުނިން ހާމަކޮށްފިއެވެ.

މި މައުލޫމާތު އެ ކުންފުނިން ހާމަކޮށްފައިވަނީ ކުރިއަށްދާ އެކައުންޓިން ފޯރަމްގެ އިއްޔެގެ ސެޝަންގައެވެ.

އީވެލިއުސާވް އެސެސްމެންޓުން ދައްކާ ގޮތުގައި، ރަސްމާލެ މަޝްރޫޢަށް އިންވެސްޓްކުރާ ކޮންމެ 1 ޑޮލަރަކަށް ރާއްޖޭގެ އުފެއްދުންތެރިކަމަށް (ޖީޑީޕީ) 1.6 ޑޮލަރު ހިއްސާކުރާނެއެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް 30 އާއި 35 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ވަންނާނެ ކަމަށް ލަފާކޮށްފައިވާއިރު، ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް (އެފްޑީއައި) ގެ ގޮތުގައި ގާތްގަނޑަކަށް 22 ބިލިއަން ޑޮލަރު ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.

މި މަޝްރޫޢުގެ ސަބަބުން އިޤްތިޞާދު ކުރިއަރައިގެންދާނެ މައިގަނޑު ތިން ދާއިރާއެއްގެ ތެރެއިން އެއް ދާއިރާއަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކެވެ. އެގޮތުން ހޮސްޕިޓާލިޓީ، ރީޓެއިލް، މެރީނާ އަދި ވޯޓަފްރޮންޓް ޚިދުމަތްތަކާ ގުޅޭ ވިޔަފާރިތަކަށް އާ ފުރުސަތުތައް ހުޅުވި، އިތުރު ނަފާ ހޯދުމުގެ މަގު ފަހިވެގެންދާނެއެވެ. ދެވަނަ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއަށް ލިބޭނެ ކުރިއެރުމެވެ. އެގޮތުން އަހަރަކު ގާތްގަނޑަކަށް 900،000 ފަތުރުވެރިން އެ ސަރަހައްދަށް ޒިޔާރަތްކުރާނެ ކަމަށް އެސެސްމެންޓުގައި ވެއެވެ.

ތިންވަނަ މުހިންމު ކަމެއްގެ ގޮތުގައި އެސެސްމެންޓުގައި ފާހަގަކޮށްފައިވަނީ ވަޒީފާގެ ފުރުސަތުތައް އިތުރުވެގެން ދިއުމެވެ. މި މަޝްރޫޢުގެ ތެރެއިން ޖުމްލަ 60،000 ވަޒީފާ އުފެދޭނެ ކަމަށް އަންދާޒާކޮށްފައިވެއެވެ. އޭގެ ތެރޭގައި ކޮންސްޓްރަކްޝަން މަރުޙަލާގައި އުފެދޭ 45،000 ވަޒީފާއާއި، މަޝްރޫޢު ނިމި އޮޕަރޭޝަނަށް އައުމުން އުފެދޭ 15،000 އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތު ހިމެނެއެވެ.

ރިއެކްޝަންސް

ކޮމެންޓް