ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ވަނީ ހުދު ސަމާލު ނެރެފައެވެ.
މިއަދު ހެނދުނު 7:00 އިން މެންދުރު 13:00 އަށް ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް ހުދު ސަމާލު ނެރުމަށްފަހު، އެ އިދާރާއިން ވަނީ އެ ސަމާލުގެ ވަގުތު އިތުރުކޮށްފައެވެ. އެގޮތުން މިއަދު ހަވީރު 15:30 އިން ފެށިގެން މިރޭ 21:00 އާ ހަމައަށް ށ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހިސާބަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ. މީގެއިތުރުން ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ކުރާނެ ކަމަށްވެސް އެ އިދާރާއިން މައުލޫމާތު ދެއެވެ.
ވައިގެ ހާލަތަށް ބަލާއިރު، އުތުރާއި މެދުރާއްޖެތެރޭގައި ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވެއެވެ. އަދި ދެކުނުގެ އަތޮޅުތަކުގައި ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ބެލެވޭއިރު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވެއެވެ.
މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި މިއަދުން ފެށިގެން މޫސުން ކުޑަކޮށް އަލިވި ނަމަވެސް، ކުރިއަށް އޮތް އަންގާރަ ދުވަހުން ފެށިގެން އަނެއްކާވެސް މޫސުން ގޯސްވާނެ ކަމަށް މެޓުން ހާމަކުރެއެވެ. މޫސުން ގޯސްވާ ވަގުތުތަކުގައި އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށާއި، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.




