ފުނަދޫ އަލިފާނުގެ ހާދިސާގައި އެހީވި ފަރާތްތަކަށް ރައީސް މުޢިއްޒު ޝުކުރު އަދާކުރައްވައިފި

ށ. ފުނަދޫގައި މިއަދު ހިނގާދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން ނުހަނު ކަންބޮޑުވުމާއި ފުން ހިތާމަ ފާޅުކުރައްވައި، އެ ހާދިސާގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން އެންމެހައި ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ޚާއްޞަ ޝުކުރެއް އަދާކުރައްވައިފިއެވެ.

ށ. ފުނަދޫގައި ހިނގި މިހާދިސާއާއި ގުޅިގެން ރައީސް ވަނީ ސޯޝަލް މީޑިއާގައި މެސެޖެއް ހިއްސާކުރައްވަފައެވެ. މި މެސެގުގައި  ކުރިމަތިވި ކުއްލި އަދި އުނދަގޫ ޙާލަތުގައި، ވަގުތުން އިޖާބަދެއްވައި ރަށާއި ގެދޮރާއި ރައްޔިތުންގެ ސަލާމަތަށްޓަކައި ދެއްވި ބޮޑު އެހީތެރިކަމުގެ އަގު ރައީސް ވަނީ ވަޒަންކުރައްވާފައެވެ. އެގޮތުން ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަށާއި، ދިވެހި ފުލުހުންގެ ޚިދުމަތަށާއި، ފުނަދޫ އެއާޕޯޓާއި މާފަރު އެއާޕޯޓު އަދި ޖޭ.ޑަބްލިޔު. މެރިއޮޓްގެ ފަޔަރ އެންޑް ރެސްކިޔު ޓީމުތަކަށް އިޚުލާޞްތެރިކަމާއެކު އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

އޭގެ އިތުރުން، ށ. އަތޮޅު ހޮސްޕިޓަލާއި، ދިވެހިރާއްޖޭގެ ޤައުމީ ކެޑޭޓްކޯއާއި، ފުނަދޫ ކައުންސިލާއި ސަރުކާރުގެ އިދާރާތަކުގެ އިތުރުން ފުނަދޫގެ އެކުވެރި ލޮބުވެތި ރައްޔިތުން ދެއްކެވި ނަމޫނާ އެއްބާރުލެއްވުމާއި ވެދެއްވި އެހީތެރިކަން ޚާއްޞަ ގޮތެއްގައި ފާހަގަކުރައްވައި، އެ ފަރާތްތަކަށްވެސް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މި ހާދިސާގައި އެކިވަރުގެ އަނިޔާ ލިބުނު ފަރާތްތަކަށް އަވަސް ޝިފާއަކާއި ދުޅަހެޔޮކަމަށް އެދި ރައީސް މުޢިއްޒު ވަނީ ދުޢާކުރައްވާފައެވެ. އަދި މުދަލަށް ގެއްލުން ލިބުނު ފަރާތްތައް މާތްﷲގެ ހެޔޮ ރަޙްމަތްފުޅާއެކު އަވަހަށް ޢާއްމު ޙާލަތަކަށް ރުޖޫއަވުމަށާއި، އަސަރުކުރި އެންމެހައި ޢާއިލާތަކަށް ކެތްތެރިކަމާއި ހަމަޖެހުން މިންވަރުކުރެއްވުން އެދި އެމަނިކުފާނު ދުޢާ ދަންނަވާފައިވެއެވެ.

ރިއެކްޝަންސް

ކޮމެންޓް