ޖިންސީ ގޯނާގެ މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ވަނަވަރު އާންމުކޮށްފި

ދެކުނުގެ ރަށެއްގައި 22 އަހަރުގެ އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހައްޔަރުކުރި 9 މީހުންގެ ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ.

ފުލުހުން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މުޙައްމަދު މައިސަން ޝިޔާޒު (21އ)، އަޙްމަދު އިފްތިޝާމް ޒަރީރު (24އ)، ނަޖުމުﷲ ޙަސަން (35އ)، ޢާޒިމް މުފީދު (24އ)، ޢަލީ ޙުޒާމް ސަޢީދު (31އ)، މުޙައްމަދު ޞާލިޙު އަޙްމަދު (26އ)، އަޙްމަދު ނޫޙު ނިޔާޒު (20އ)، މުޙައްމަދު މިޝަލް އަޙްމަދު ޒުހައިރު (20އ) އަދި އަޙްމަދު ޞާނިޖު ޞާދިޤު (32އ) އެވެ.

ފުލުހުން ބުނީ އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، މުޙައްމަދު ޞާލިޙު އަޙްމަދު، މުޙައްމަދު މިޝަލް އަޙްމަދު ޒުހައިރު، ނަޖުމުﷲ ޙަސަން އަދި އަޙްމަދު ނޫޙު ނިޔާޒު 5 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން މުޙައްމަދު މައިސަން ޝިޔާޒު 10 ދުވަހަށް، ޢާޒިމް މުފީދު 15 ދުވަހަށް، އަޙްމަދު ޞާނިޖު ޞާދިޤު 30 ދުވަހަށް ބަންދުކުރަން އަމުރުކުރިއިރު، އަޙްމަދު އިފްތިޝާމް ޒަރީރާއި ޢަލީ ޙުޒާމް ސަޢީދު ބަންދުކުރަން އަމުރުކޮށްފައިވަނީ 90 ދުވަހަށް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނި ގޮތުގައި، އަޕާ ސައުތު ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި 22 އަހަރުގެ އަންހެނަކަށް ބަޔަކު ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. އެ މައްސަލައިގެ ތަހުގީގުގެ ތެރެއިން، ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް، އެ ކުދިން އެކްސްޕްލޮއިޓްކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ވެސް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން ގެންދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ކަމަށެވެ. މި މައްސަލައިގެ ތަހުގީގަށް މާލެއިން ހާއްސަ ޓީމެއް ވެސް ވަނީ އެ ރަށަށް ގޮސްފައެވެ.

ރިއެކްޝަންސް

ކޮމެންޓް