ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ވަޒީރުންގެ މުސާރައާއި އިނާޔަތްތައް ބޮޑުކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމި ނިންމުން ބަދަލުކުރުމަށް މައި އިދިކޮޅު ޕާޓީ އެމްޑީޕީގެ މަޖިލިސް މެންބަރުން ގޮވާލައިފިއެވެ.
މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ 13 މެންބަރުންގެ ތެރެއިން 12 މެންބަރަކު ސޮއިކުރައްވައި ނެރުއްވި ބަޔާނެއްގައި، ކޮމިޓީން ނިންމި ނިންމުމަކީ ގައުމުގެ އިގްތިސާދީ ހާލަތު ދަށްވެ ރައްޔިތުންގެ ދިރިއުޅުމުގެ ޚަރަދު ބޮޑުވެފައިވާ ވަގުތެއްގައި ނިންމި ޒިންމާދާރުކަން ކުޑަ ނިންމުމެއް ކަމަށް ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން އެ ނިންމުން ނިންމުމުގައި އެމްޑީޕީގެ އެއްވެސް މެންބަރެއްގެ ބައިވެރިވުމެއް ނެތް ކަމަށް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އެމްޑީޕީގެ މެންބަރުން ބުނެފައިވަނީ، މާލިއްޔަތު ކޮމިޓީގެ ނިންމުމުގެ ސަބަބުން ދައުލަތުގެ ޚަރަދަށް އަހަރަކު 40 މިލިއަން ރުފިޔާ އިތުރުވާނެ ކަމަށެވެ. އަދި ވަޒީރުންނާއި މަޖިލިސް ރައީސްގެ އިނާޔަތްތައް އިތުރުކުރުމަށް ވުރެ މުހިންމު ކަންކަން ރައްޔިތުންނަށް މިވަގުތު އެބައޮތް ކަމަށާއި، އެ ކަންކަމަށް ސަރުކާރުން އިސްކަން ދިނުމަށް ވެސް ބަޔާނުގައި ވަނީ ގޮވާލާފައެވެ.
މިހާރު މަޖިލީހުގެ ރައީސަށް 73،125 ރުފިޔާ ލިބިވަޑައިގަންނަވާއިރު، ނައިބު ރައީސަށް 91،000 ރުފިޔާ އަދި މެންބަރުންނަށް 82،500 ރުފިޔާ ލިބިވަޑައިގަންނަވައެވެ. މި ފަރަގު އަންނަ މައިގަނޑު ސަބަބަކީ މަޖިލީހުގެ ރައީސަށް ކޮމިޓީތަކުގައި ބައިވެރިވެވަޑައިނުގެންނެވޭތީ، މެންބަރުން ކޮމިޓީތަކަށް ހާޒިރުވާ ނިސްބަތަށް ބަލައި ދޭ އިނާޔަތް އެމަނިކުފާނަށް ނުލިބޭތީއެވެ.
މެންބަރުންނަށް ކޮމިޓީ އެލަވަންސް ދެވެނީ 50 އިންސައްތައާއި 75 އިންސައްތައާ ދެމެދުގެ ބައްދަލުވުންތަކަށް ހާޒިރުވުމުން 10،000 ރުފިޔާ، އަދި 75 އިންސައްތައަށްވުރެ މަތިން ހާޒިރުވުމުން 20،000 ރުފިޔާއެވެ. އެހެންކަމުން މި ފަރަގު ހައްލުކުރުމަށްޓަކައި މަޖިލީހުގެ ރައީސަށް 22،000 ރުފިޔާގެ އިނާޔަތެއް އިތުރުކުރުމަށް މާލިއްޔަތު ކޮމިޓީއަށް ވަނީ ހުށަހަޅައިފައެވެ. މި ބަދަލާއެކު އެމަނިކުފާނުގެ ޖުމްލަ މުސާރަ 95،125 ރުފިޔާއަށް އަރާނެއެވެ.
މީގެ އިތުރުން، ވަޒީރުންގެ ޖުމްލަ މަހު މުސާރަ 58,500 ރުފިޔާއިން 75,500 ރުފިޔާއަށް ބޮޑުކުރުމަށް ވެސް ކޮމިޓީން ވަނީ ނިންމާފައެވެ. އަދި ރަށު ކައުންސިލަރުންގެ މުސާރަ ވެސް ބޮޑުކުރުމަށް ކޮމިޓީން ނިންމާފައިވެއެވެ.
ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ދޭ ފައިސާއަކީ ރައްޔިތުންގެ އެތައް ބޭނުމެއް ފުއްދަން ބަޖެޓުގައި ހިމަނާފައިވާ ފައިސާ ކަމަށާއި، ބްލޮކް ގްރާންޓަށް ބަދަލު ނުގެނެސް ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމަކީ ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތަކަށް ބުރޫއަރާނެ ކަމެއް ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.
އަދި މި އަހަރުގެ މިހާތަނަށް ދައުލަތުގެ އާމްދަނީއަށް ވުރެ 4.5 ބިލިއަން ރުފިޔާ ސަރުކާރުން އިތުރަށް ޚަރަދުކޮށްފައިވާއިރު، ދައުލަތުގެ ދަރަނި ވެސް ދަނީ އިތުރުވަމުން ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. މިދިޔަ އަހަރުން ފެށިގެން މަޖިލީހުގައި އޮތް ތަޢުލީމީ އަދި ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ އޯވަރޓައިމްގެ މައްސަލައާ ގުޅޭ ގަރާރުގެ މަސައްކަތް ނުނިމި އޮއްވާ، މިފަދަ ގޮތަކަށް މުސާރަތަކަށް ބަދަލު ގެނައުމާ މެދު ވެސް އެމްޑީޕީގެ މެންބަރުން ވަނީ ސުވާލު އުފައްދާފައެވެ.




