ސްކޭމްތަކާ ދެކޮޅަށް އެކުލަވާލި ބައިނަލްއަޤްވާމީ ރިޒޮލިއުޝަނެއްގައި ފުލުހުން ސޮއިކޮށްފި

ބޯޑަރު ހުރަސްކޮށް ހިންގާ ސްކޭމްގެ ކުށްތަކާ ދެކޮޅަށް ބައިނަލްއަޤްވާމީ ފެންވަރުގައި ގުޅިގެން މަސައްކަތްކުރުމަށް އެކުލަވާލި އައިއައިސީއޭ ރިޒޮލިއުޝަންގައި ދިވެހި ފުލުހުންގެ ހިދުމަތުން ސޮއިކޮށްފިއެވެ.

ކޮރެއަން ނޭޝަނަލް ޕޮލިސް އެޖެންސީން އިންތިޒާމުކޮށްގެން މިމަހުގެ 21 އިން 23 އަށް ދެކުނު ކޮރެއާގެ އިންޗިއޮންގައި ބޭއްވި "އިންޓަރނޭޝަނަލް އިންވެސްޓިގޭޓިވް ކޯޕަރޭޝަން އެލަޔަންސް" (އައިއައިސީއޭ) ގެ ފުރަތަމަ އަހަރީ ފޯރަމްގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ބައިވެރިވެވަޑައިގެން، މި ރިޒޮލިއުޝަންގައި ސޮއިކުރެއްވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް (އޭސީޕީ) ޢާޞިމް ޢަބްދުﷲ އެވެ.

މި ފޯރަމަކީ ބައިނަލްއަޤްވާމީ ބައިވެރިންގެ ތަޖުރިބާ ހިއްސާކުރުމާއި، ބޯޑަރު ހުރަސްކޮށް ހިންގާ ސްކޭމްތައް ހުއްޓުވުމަށް ގުޅިގެން މަސައްކަތްކުރުން ހަރުދަނާ ކުރުމުގެ މަގުސަދުގައި ބޭއްވި ފޯރަމެކެވެ.

ފުލުހުން ބުނި ގޮތުގައި، މި ރިޒޮލިއުޝަންގައި ސޮއިކުރުމަކީ ބޯޑަރު ހުރަސްކޮށް ރާވައިގެން ހިންގާ ޖިނާއީ ބޮޑެތި ކުށްތަކާއި ސްކޭމް ނެޓްވޯކްތަކާ ދެކޮޅަށް ފުލުހުން ކުރާ މަސައްކަތުގައި ބައިނަލްއަޤްވާމީ ގުޅުންތައް ހަރުދަނާކޮށް، ގުޅިގެން ފިޔަވަޅު އެޅުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެކެވެ.

އައިއައިސީއޭ އަކީ އިންޓަރޕޯލާއި، އާސިއާނަޕޯލް އަދި 9 ގައުމަކުން އިސްނަގައިގެން، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހު ސޯލްގައި ގާއިމުކުރި ހާއްސަ އިއްތިހާދެކެވެ. މި އިއްތިހާދު އުފެއްދިފައިވަނީ ބައިނަލްއަޤްވާމީ ފެންވަރުގައި ރާވައިގެން ހިންގާ ސްކޭމް ކޮމްޕައުންޑްތަކުގެ ސަބަބުން ވަކިވަކި ފަރުދުންނަށާއި މުޖުތަމައުތަކުގެ އިގުތިސާދަށް ލިބޭ ބޮޑެތި ގެއްލުންތަކާ ދެކޮޅަށް ހަރުދަނާ ފިޔަވަޅު އެޅުމުގެ މަގުސަދުގައެވެ.

މި ރިޒޮލިއުޝަނަކީ އައިއައިސީއޭގެ ދާއިމީ ގަވާއިދުތަކާއި އޮނިގަނޑު އެކުލަވާލެވެންދެން، މެންބަރު ގައުމުތަކުގެ މެދުގައި ދެމެހެއްޓެނިވި، އިންސާފުވެރި އަދި ނަތީޖާ ނެރެވޭނެ ގޮތަށް ތަހުގީގުތަކުގެ މައުލޫމާތު ބަދަލުކުރުމާއި، ގުޅިގެން މަސައްކަތްކުރުމުގެ އުސޫލުތައް ކަނޑައަޅައި ބަޔާންކުރާ ލިޔުމެކެވެ.

އިންޓަރޕޯލްގެ ޖެނެރަލް އެސެމްބްލީއާއި އާސިއާނަޕޯލް ކޮންފަރެންސްގައި ފާސްކޮށްފައިވާ ނިންމުންތަކާއެކު، ބޯޑަރު ހުރަސްކޮށް ހިންގާ ސްކޭމްތަކާ ދެކޮޅަށް މި އެލަޔަންސް މެދުވެރިކޮށް ހިންގާ އޮޕަރޭޝަންތަކަށް ވަނީ ގާނޫނީ ހައިސިއްޔަތު ލިބިގެން ގޮސްފައެވެ.

ރިއެކްޝަންސް

ކޮމެންޓް