މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރާ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް މިނިސްޓަރ އޮފް ސްޓޭޓް ފޯ ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ، އިބްރާހީމް މިމްރާހު ގޮވާލައްވައިފިއެވެ.
މިމްރާހު ވާހަކަފުޅު ދެއްކެވީ ވޯލްޑް ގްރީން އިކޮނޮމީ ސަމިޓް 2026 ގެ ހަވާސާގައި "ފްރޮމް އެމްބިޝަން ޓު ބޭންކަބަލް އެކްޝަން - މޮބިލައިޒިންގ ގްރީން އިންވެސްޓްމަންޓްސް ފޯ އަ ރެޒިލިއަންޓް އެންޑް އިންކްލޫސިވް ގްލޯބަލް އިކޮނޮމީ" މި މައުޟޫޢަށް ބޭއްވި ހާއްސަ ހަވާސާ އިވެންޓުގައެވެ.
މި ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރު ވަނީ އިއާދަކުރަނިވި ހަކަތައާއި، މޫސުމީ ބަދަލުތަކުން އަރައިގަނެވޭނެ ފަދަ ވަރުގަދަ އުމްރާނީ ވަސީލަތްތައް ޤާއިމުކުރުމަށާއި، ނާޒުކު ޖަޒީރާ މުޖުތަމަޢުތަކުގެ ދިރިއުޅުން ފާގަތިކުރުމަށްޓަކައި ހިތްވަރުގަދަ މޫސުމީ އިންވެސްޓްމަންޓްތަކެއް ކުރުމަށް ދުނިޔޭގެ މާލީ އިދާރާތަކަށާއި ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވާލައްވާފައެވެ.
މީގެއިތުރުން، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށާއި ދެމެހެއްޓެނިވި ތަރައްޤީ ކަށަވަރުކުރުމަށްޓަކައި، އަމިއްލަ ވިޔަފާރިތަކާއި ޕްރައިވެޓް ސެކްޓަރުގެ ބޮޑެތި އިންވެސްޓްމަންޓްތައް ރާއްޖެއަށް ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށްވެސް މިމްރާހު އަލިއަޅުއްވާލެއްވިއެވެ.
މި ސަމިޓުގައި ރާއްޖެއިން ބައިވެރިވެފައިވަނީ ތިމާވެށީގެ ގޮތުން ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށާއި، ފެހި އިޤްތިޞާދަކަށް ވާސިލުވުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކުގައި ރާއްޖޭގެ އަޑު އުފުލައި، އެއްބާރުލުން އިތުރުކުރުމުގެ މަޤްޞަދުގައެވެ.




