ރަސްމާލޭގައި ތަރައްޤީކުރާ ވޯޓަރފްރަންޓް އަދި މެރީނާ މަޝްރޫޢަށް މޯލްޑިވްސް ބިޒްނަސް ޗެމްބަރ (އެމްބީސީ) އިން ފުރިހަމައަށް ތާޢީދުކޮށްފިއެވެ.
މިކަމާ ގުޅިގެން އެމްބީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި މަޝްރޫޢަކީ ރާއްޖޭގެ އިޤްތިޞާދީ ދުވެލި އަވަސްކޮށް، ބޭރުގެ އިންވެސްޓްމަންޓްތަކާއެކު ދިވެހިންނަށް އެތައް ހާސް ވަޒީފާއެއް ފަހިކޮށްދޭނެ މުހިންމު ބިންގަލެއް ކަމަށެވެ.
މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދު އާންމުކޮށް ބަރޯސާވާ ދާއިރާތައް ފުޅާވެ، ސިންދަފާތުވުމަށް މަގުފަހިވާނެ ކަމަށާއި، އަންނަން އޮތް ޖީލުތަކަށް ދިގު މުއްދަތުގެ އިޤްތިޞާދީ ފާގަތިކަން ކަށަވަރުކޮށްދޭނެ ކަމަށް ވެސް އެ ޖަމްޢިއްޔާއިން ފާހަގަކުރެއެވެ.
އެމްބީސީގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއީ ގާތްގަނޑަކަށް 20 ބިލިއަން ޔޫއެސް ޑޮލަރު، ނުވަތަ 308 ބިލިއަން ރުފިޔާގެ އަގުހުރި އިންވެސްޓްމަންޓެކެވެ.
އިބްތިދާއީ އަންދާޒާތަކުން ދައްކާ ގޮތުގައި، މި މަޝްރޫޢުގެ ދަށުން 30 ބިލިއަން ޑޮލަރަށްވުރެ ގިނަ ބޭރުގެ ސީދާ އިންވެސްޓްމަންޓް ޤައުމަށް ގެނެވިދާނެއެވެ. އަދި ސީދާ ގޮތުންނާއި ނުސީދާ ގޮތުން 54،000 އަށްވުރެ ގިނަ ވަޒީފާ އުފެދޭނެ ކަމަށް އެމްބީސީން ބުނެއެވެ.
މަޝްރޫޢު ފުރިހަމަވުމުން، އަހަރަކު އެއް މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށް، ފަތުރުވެރިކަމުގެ އާމްދަނީގެ ގޮތުގައި އަހަރަކު ދެ ބިލިއަން ޑޮލަރު ޤައުމަށް ލިބިގެންދާނެ ކަމަށް ވެސް އެ ޖަމްޢިއްޔާއިން ބުނެއެވެ.
މި މަޝްރޫޢުގެ ސަބަބުން އެތެރޭގެ އުފެއްދުންތެރިކަން އިތުރުވެ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އައު ދޮރުތަކެއް ހުޅުވިގެންދާނެ ކަމަށް އެމްބީސީން ދެކެއެވެ. އޭގެ ތެރޭގައި ޢިމާރާތްކުރުމާއި، ދަނޑުވެރިކަމާއި، މަސްވެރިކަމާއި، ހޮސްޕިޓާލިޓީ، ލޮޖިސްޓިކްސް، ރީޓެއިލް، ޓެކްނޮލޮޖީ އަދި ޕްރޮފެޝަނަލް ޚިދުމަތްތަކުގެ ދާއިރާއިން ވިޔަފާރިތަކަށް އައު މާކެޓްތައް ތަނަވަސްވެގެންދާނެ ކަމަށް އެ ބަޔާނުގައި ވެއެވެ.
ނަމަވެސް، މި މަޝްރޫޢުގެ ކާމިޔާބީ ހަމައެކަނި ލިބޭ އިންވެސްޓްމަންޓާއި ފަތުރުވެރިކަމުގެ އާމްދަނީން މިނެކިރުމުގެ ބަދަލުގައި، ދިވެހިންނަށް ލިބޭ ވަޒީފާތަކާއި، ދިވެހި ވިޔަފާރިތަކުގެ ކުރިއެރުމާއި، ޒުވާނުންނަށް ދަސްކޮށްދެވޭ ހުނަރުތަކަށް ބަލައިގެން ވަޒަންކުރުމަށް އެމްބީސީން ބާރުއަޅައެވެ.
އެހެންކަމުން، މުދަލާއި ޚިދުމަތް ހޯދުމުގައި ދިވެހިންނަށް އިސްކަންދީ، ސަޕްލަޔަރުންގެ ގޮތުގައާއި އިންވެސްޓްމަންޓްތަކުގައި ދިވެހި ވިޔަފާރިތަކުގެ ދައުރު ފުޅާކުރުމަށް އެ ޖަމްޢިއްޔާއިން ވަނީ ގޮވާލާފައެވެ.
އެމްބީސީން ސިފަކުރި ގޮތުގައި، ރަސްމާލެ މަޝްރޫޢަކީ ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް، ދައުލަތުގެ އާމްދަނީ އިތުރުކުރުމުގެ އިތުރުން، ބޯހިޔާވަހިކަމާއި އުމްރާނީ ތަރައްޤީ ހަރުދަނާކޮށް، ކުރިމަގުގެ ޖީލުތަކަށް ވާދަވެރި ވިޔަފާރީގެ މާޙައުލެއް ބިނާކުރުމަށް އެޅޭ ވަރަށް އުންމީދީ އަދި ހެޔޮ ފިޔަވަޅެކެވެ.




