ގެދޮރު އިމާރާތްކުރުމަށާއި ގަތުމަށް ބޭންކުތަކުން ދޫކުރާ ލޯނުތަކަށް ދައްކަންޖެހޭ ޑައުންޕޭމަންޓް ނުވަތަ އިކުއިޓީ ހަމަޖެއްސުމަށް ސަރުކާރުން ތައާރަފުކުރާ "ހެލްޕް ޓު ބިލްޑް" އަދި "ހެލްޕް ޓު ބައި" ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހު ހުޅުވާލަން ނިންމައިފިއެވެ.
ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ ގިނަ އާއިލާތަކަށް ގެދޮރު މިލްކުކުރުމުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މަހުން މަހަށް ދައްކަންޖެހޭ އިންސްޓޯލްމަންޓް ފައިސާގެ ބަދަލުގައި، ލޯނު ހޯދުމަށް ބޭންކަށް ފުރަތަމަ ދައްކަންޖެހޭ ބޮޑު އިކުއިޓީ ފައިސާ އެއްފަހަރާ ދެއްކުން ކަމަށެވެ. ވޯލްޑް ބޭންކުގެ އެހީތެރިކަމާއެކު ހެދި ދިރާސާއަކުން ދައްކާގޮތުގައި ސާވޭކުރި އާއިލާތަކުގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ގޭބިސީތަކުގައި އެއްވެސް ވަރަކަށް ރައްކާކުރެވިފައިވާ ފައިސާއެއް ނެތްއިރު، މަހަކު 3,000 ރުފިޔާއަށްވުރެ އިތުރަށް ފައިސާ ރައްކާކުރެވެނީ 10 ޕަސަންޓަށްވުރެ މަދު އާއިލާތަކަށެވެ. މަހަކު 3,000 ރުފިޔާ ރައްކާކުރާ އާއިލާއަކަށްވެސް 2 މިލިއަން ރުފިޔާގެ އެޕާޓްމަންޓަކަށް ބޭނުންވާ 20 ޕަސަންޓުގެ އިކުއިޓީ (400,000 ރުފިޔާ) އެއްކުރަން ގާތްގަނޑަކަށް 10 އަހަރު ދުވަސް ނަގާނެއެވެ.
އެހެންކަމުން ސަރުކާރުން ތައާރަފުކުރާ މި ދެ ސްކީމަކީވެސް އަނބުރާ ދައްކަން ނުޖެހޭ ގޮތަށް، ސީދާ އިކުއިޓީ ކަވަރުކުރުމަށް ދެވޭ ހިލޭ އެހީގެ ދެ ސްކީމެކެވެ. މީގެ ތެރެއިން "ހެލްޕް ޓު ބިލްޑް" ސްކީމަކީ އަމިއްލަ ބިން އޮވެ، ގެދޮރު އިމާރާތްކުރުމަށް ލޯނު ނަގަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ސްކީމެކެވެ. މި ސްކީމުގެ ދަށުން 1 މިލިއަން ރުފިޔާގެ ލޯނަކަށް ބޭނުންވާ 20 ޕަސަންޓުގެ އިކުއިޓީ ހަމަޖެއްސުމަށް ކޮންމެ މީހަކަށް ގިނަވެގެން 200,000 ރުފިޔާ ސަރުކާރުން ދޭނެއެވެ. އަދި މާލޭގައި އެއް ގޯއްޗެއްގައި ގިނަ ވާރުތަވެރިންތަކެއް ގުޅިގެން އިމާރާތްކުރާނަމަ، ޝަރުތުހަމަވާ ކޮންމެ މީހަކަށް 200,000 ރުފިޔާގެ މަގުން އެއް ބިމަކަށް ޖުމްލަ 1 މިލިއަން ރުފިޔާއާ ހަމައަށް އެހީ ލިބޭނެއެވެ. ފުރަތަމަ ފިޔަވަހީގައި މި ސްކީމް މާލެއާއި އަތޮޅުތަކުގެ މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގުމަށް ވަނީ ހަމަޖެހިފައެވެ.
ދެވަނަ ސްކީމް ކަމަށްވާ "ހެލްޕް ޓު ބައި" އަކީ އަލަށް ގެދޮރު ގަންނަ ފަރާތްތަކަށް ހާއްސަ ސްކީމެކެވެ. މި ސްކީމުގެ ދަށުން އެފޯޑަބަލް ހައުސިން މަޝްރޫއުތަކުގެ ދަށުން ޕްރައިވެޓް ޑިވެލޮޕަރުން އަޅާ 1.5 މިލިއަން ރުފިޔާގެ ޔުނިޓުތަކަށް ސަރުކާރުން 250,000 ރުފިޔާއާ ހަމައަށް ހިލޭ އެހީ ދޭނެއެވެ. މި ފައިސާ ސީދާ ޖަމާކުރާނީ ލޯނުދޭ މާލީ އިދާރާ މެދުވެރިކޮށް ޑިވެލޮޕަރަށެވެ. މީގެސަބަބުން އަމިއްލަ ޖީބުން ޑިޕޮސިޓަށް ދައްކަންޖެހޭ ފައިސާ 300,000 ރުފިޔާއިން 50,000 ރުފިޔާއަށް ކުޑަވެގެންދާނެއެވެ. އަދި ކުރިއަށް އޮތް ފިޔަވަހިތަކުގައި މާލެ ސަރަހައްދުން ފުރަތަމަ ފަހަރަށް ފްލެޓް ގަންނަ ފަރާތްތަކަށް މި އެހީ ފުޅާކުރުމަށް ވަނީ ރާވާފައެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި މި ސްކީމްތަކުގެ ސަބަބުން ދައުލަތުން ސީދާ ގެދޮރު ބިނާކޮށްދިނުމަށް ކުރަންޖެހޭ ހަރަދުން، ގާތްގަނޑަކަށް ފަސް އާއިލާއަކަށް ގެދޮރު އެޅުމުގެ އިކުއިޓީ ފޯރުކޮށްދެވޭނެއެވެ. އަދި ބޭންކުތަކުން ލޯނު ނެގޭ ފެންވަރުގެ އާއިލާތަކަށް މި އެހީ ދިނުމުން، ސަރުކާރުން ސީދާ އަޅާ އިޖުތިމާއީ ބޯހިޔާވަހިކަމުގެ ފްލެޓްތައް އެންމެ ނިކަމެތި އާއިލާތަކަށް ދިނުމަށް ޖާގަ ތަނަވަސްވެގެންދާނެއެވެ.
މި ސްކީމުން ނާޖާއިޒު ފައިދާ ނެގުން ހުއްޓުވުމަށްޓަކައި ހަރުދަނާ އުސޫލުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން މި އެހީގެ ދަށުން ހަދާ ނުވަތަ ގަންނަ ގެދޮރު 20 އަހަރު ދުވަހުގެ ތެރޭގައި ވިއްކާލައިފިނަމަ، ސަރުކާރުން ދިން ހިލޭ އެހީ އެއްކޮށް އަނބުރާ ދައުލަތަށް ދައްކަންޖެހޭނެއެވެ. އަންނަ މަހު ފޯމު ހުށަހަޅަން ހުޅުވާލުމުގެ ކުރިން ތަފްސީލީ އުސޫލުތައް އާންމުކުރާނެތީ، ބިންތަކުގެ ލިޔެކިޔުންތަކާއި ބޭންކުތަކާ ވާހަކަދައްކައިގެން ތައްޔާރުވެ ތިބުމަށް މިނިސްޓަރު ވަނީ އެދިވަޑައިގެންފައެވެ. މި ސްކީމް ކުރިއަށްގެންދަނީ ބީއެމްއެލް، އެމްއައިބީ، އެޗްޑީއެފްސީ އަދި އެމްއެފްއެލްސީ މެދުވެރިކޮށެވެ.




